މަސް ގަންނަ އަގު ދަށްކުރުމާއެކު މިހާރު މިފްކޯއަށް މަސްވެރިން ކިރާ މަހަށް ދެ ހަފްތާގެ މުއްދަތެއްގައި ފައިސާ ދޭނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިއަދުން ފެށިގެން މިފްކޯއިން މަސްވެރިންގެ އަތުން މަސް ގަންނަމުންދާނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފުތާއަކު ކަނޑައަޅާ އަގެއްގަ އެވެ. އެގޮތުން މިހަފްތާގައި 1.5 ކިލޯއިން މަތީގެ އައިސް އެޅި ކަނޑުމަހާއި ކަންނެލި މަސް ގަންނާނީ 16 ރުފިޔާއަށް ކަމަށެވެ. އަދި 1.5 ކިލޯއިން މަތީގެ އައިސް ނާޅާ ކަނޑުމަހާއި ކަންނެލި މަސް ގަންނާނީ 14 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން 1.5 ކިލޯއިން ދަށުގެ އައިސް އެޅި ކަނޑުމަހާއި ކަންނެލި މަސް ގަންނަނީ ހަތް ރުފިޔާ އަށެވެ. އަދި 1.5 ކިލޯއިން ދަށުގެ އައިސް ނާޅާ ކަނޑުމަހާއި ކަންނެލި މަސް ގަންނަނީ ހަތް ރުފިޔާ އަށް ކަމަށް ވެސް މިފްކޯއިން ބުންޏެވެ.
މިބަދަލުތަކާއި ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިބަދަލާއެކު މި ސަރުކާރުގެ އަމާޒަކީ މަސްވެރިން މަސް ކިރާތާ 48 ގަޑިއިރުތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުން ކަމަށެވެ.
އަދި މިހާރު މަސްވެރިކަމުގެ ސިނާއަތަށް މިގެންނަ ބަދަލުތަކުގެ ތެރެއިން، ރާއްޖޭގައި އިތުރު މަސް ކާރުޚާނާތައް ތަރައްގީކުރެވި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަސް ތެރޭގައި މަސްވެރިންނަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދޫކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މާލީ ހާލަތު ހުރި ގޮތުންނާ އެކީގައި އަދި 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭ ހިސާބަކަށް ނުދާނެ. ފުރަތަމަ ކަމަކަށް މިފްކޯގެ ކޭޝްފްލޯއެއް ވެސް އޮވެގެން އެ ހިސާބަށް ދެވޭނީ. މިފްކޯއަށް ކޭޝްފްލޯއެއް ގެނެވޭނީ މަދުވެގެން މިފްކޯއަކީ ބްރޭކްއީވަންގައި ހިންގޭ ކުންފުންޏަކަށް ވެގެން،" ޝިޔާމް ވިދާޅުވި އެވެ.
މިފްކޯއިން ބުނީ އެ ބަދަލު ގެނައީ މަސްވެރިން ބާނާ މަހަކަށް ގަވާއިދުން ފައިސާ ނުދެވޭ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމުގެ ގޮތުން ކަމަށެވެ.
މިފްކޯ އިން ކުރިން ބުނެފައި ވަނީ 12ރ. އަށް ވުރެ ބޮޑު އަގު އަގުގައި މަސް ގަންނަ ނަމަ އެ ކުންފުންޏަށް ގެއްލުންވާނެ ކަމަށެވެ. އެކަމަކު މިހާރު ކިލޯއެއް 16ރ. އަށް ހަމަޖެއްސީ ސަރުކާރުން ސަބްސިޑީ ދީގެންނެވެ.