ކ. މާފުށީ ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމަށް ހިންގާ ބޮޑު ނެޓްވޯކުގައި ތިބި މީހުން ހޯދުމަށް ހިންގާ އޮޕަރޭޝަންގައި ސިފައިން ވެސް ނެރެފައިވާ ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޖަލަށް ޑްރަގާއި ފޯނު ވެއްދުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އެހީތެރިވާ ކަމަށް ތުހުމަތު ކުރެވޭތީ ފުލުހުންގެ ބޮޑު އޮޕަރޭޝަން ފެށީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ.
އެ މައްސަލައިގައި ކަރެކްޝަންސްގެ 18 މުވައްޒަފުން ބައިވެރިވާ ކަމަށް ތުހުމަތު ކުރެވޭއިރު، މިހާތަނަށް 13 މުވައްޒަފުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެމީހުން އަދިވެސް ތިބީ ބަންދުގަ އެވެ. މި މައްސަލައިގައި ހައްޔަރުކުރީ މުޅިން ވެސް ކަރެކްޝަނަލް ސާވިސްގެ ޖޫނިއާ ރޭންކްގެ އޮފިސަރުންނެވެ.
ހޯމް މިނިސްޓްރީން ބުނީ ފުލުހުންނާއި ކަރެކްޝަނަލް ސާވިސްގެ އިތުރުން އެމްއެންޑީއެފުން އެ އޮޕަރޭޝަންގައި ބައިވެރިވެފައިވާ ކަމަށާއި އެ އޮޕަރޭޝަންގެ ކަންކަން ބެއްލެވުމަށް ހޯމް މިނިސްޓަރު އަލީ އިހްސާނާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު މިއަދު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ.
ސިފައިންގެ ގާނޫނު އޮންނަ ގޮތުން ފުލުހުން ހިންގާ އޮޕަރޭޝަންތަކުގައި ސިފައިން ބައިވެރިވާނީ އެކަމަށް ފުލުހުން އެދުމުންނެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވޭ އޮފިސަރުންގެ ތެރެއިން ނުވަ އޮފިސަރަކު ހައްޔަރުކޮށްފައި ވަނީ މާފުށިންނެވެ. ދެ މީހަކު ކާށިދޫ އިން އަދި ހއ. އުތީމުންނާއި މާލެ އިން ވެސް އެކަކު ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދު ކުރި އިރު، ދެ މީހުންގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ އިސްކަންދަރު ކޮށީގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސުން އެއްކުރި މައުލޫމާތުގެ އަލީގައި، މާފުށީ ޖަލުގައި ތިބޭ ގައިދީންނަށް ޑްރަގާއި ފޯނު ފޯރުކޮށްދިނުމުގައި ބައިވެރިވާ 18 މުވައްޒަފުންގެ އެކައުންޓްތަކަށް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށެވެ.