އަމީތާބު ބައްޗަން އާއި ރޭކާ ފެނިގެންދާ މަޝްހޫރު ލޯބީގެ ފިލްމު "ސިލްސިލާ"ގެ މައްޗަށް ބިނާކޮށް ހިންދީ ސީރީޒްއެއް ފެނިދާނެކަމުގެ އިޝާރާތެއް ޕްރޮޑިއުސަރު ސަންދީޕު ސިކަންދު ދީފި އެވެ.

މީޑިއާއަށް ދިން އިންޓަވިއުއެއްގައި ސަންދީޕު ބުނެފައިވަނީ ޓީވީގެ މަޝްހޫރު ދެ އެކްޓަރުން ކަމަށްވާ ދީޕިކާ ކައްކަރުއާއި ޝުއައިބް އިބްރާހީމްއާއެކު ސިލްސިލާ ފަދަ ލޯބީގެ ސީރީޒްއެއް ހަދަން ބޭނުންވާ ކަމަށެވެ.

މީގެ ކުރިން "ކަހާ ހަމް ކަހާ ތުމް"ގައި ދީޕިކާއާއެކު ސަންދީޕް މަސައްކަތް ކޮށްފައިވާއިރު ދީޕިކާއަކީ ހުނަރުވެރި މަސައްކަތަށް ފަރުވާތެރި އެކްޓަރެއް ކަމަށް ސަންދީޕި ބުންޏެވެ.

"ސަސުރަލް ސިމަރްކާ"ގެ ސެޓުން ބައްދަލުވެ ކައިވެނިކުރި ދީޕިކާ އާއި ޝުއައިބު ވަނީ އޭގެ ފަހުން އެކުގައި "ނަޗް ބަލިޔޭ"އިން ފެނިފަ އެވެ.

2018 ވަނަ އަހަރު ކައިވެނިކުރި އެ ދެމަފިރިންނަށް މިދިޔަ އަހަރު އަލަތު ދަރިފުޅު ލިބިފައިވާއިރު ދީޕިކާ ވަނީ ދަރިފުޅަށް ވަގުތު ދިނުމުގެ ގޮތުން އެކްޓިންގެ މަސައްކަތްތަކުން ދުރަށް ޖެހިފަ އެވެ.

އެހެން ނަމަވެސް ކުރިއަށް އޮތް ތަނުގައި ދީޕިކާއާއި ޝުއައިބް އެކުގައި އަލުން ސްކްރީނުން ފެންނާނެ ކަމުގެ އުއްމީދު ގިނަ ބަޔަކު ކުރެ އެވެ.