ކުރިއަށްއޮތް އިންތިހާބާ ގުޅިގެން ސީއެންއެން އިން ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ނުނިދުނީ ކިރިޔާކަމަށް ޑިމޮކްރަޓް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެ އެވެ.
ރިޕަބްލިކަންސްގެ ރިޔާސީ ކޭންޑިޑޭޓް ޑޮނާލްޑް ޓްރަމްޕް އާއެކު ބޭއްވުނު ރިޔާސީ ބަހުސްގައި ބައިޑެންއަށް ވަނީ ގިނަ ސުވާލުތަކަށް ޖަވާބު ނުދެވިފަ އެވެ. އަދި ވަރަށް ގިނައިރު ހުއްޓުން އަރާފައިވެ އެވެ.
ބައިޑެން ވިދާޅުވިގޮތުގައި ބަހުސްގައި ރަނގަޅަށް ވާހަކަ ނުދެއްކުނީ މާބޮޑަށް ވަރުބަލިވެފައި ހުރުމުން ކަމަށެވެ. އަދި މާބޮޑަށް ވަރުބަލިވީ މާކައިރި ކައިރިން ދިގު ދަތުރުތަކެއް ކުރުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބައިޑަން ވިދާޅުވިގޮތުގައި ބަހުސް އޮންނާތީ އޭނާގެ އިސް މުވައްޒަފުން ދަތުރުތައް ނުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ. ނަމަވެސް އެ އިލްމާސްތަކާއި ދެކޮޅަށް އަމަލުކުރުމުގެ ސަބަބުން މާބޮޑަށް ވަރުބަލިވެ، ނިދިޖެހެން ދިމާވީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިއީ އުޒުރެއް ނޫން ކަމަށާއި ކަންވީ ގޮތް ކިޔާދިނުން ކަމަށް ބައިޑެން ވިދާޅުވެފައިވެ އެވެ.
ބައިޑެން މިހެން ވިދާޅުވެފައި މިވަނީ ވާޖީނިއާގައި ބޭއްވި ފަންޑްރެއިޒިން އިވެންޓެއްގަ އެވެ. ބައިޑެންގެ ކެންޕޭނުން މި އިވެންޓް ފިލްމް ކުރަން ހުއްދަ ނުދޭތީ މި ވާހަކައިގެ އެއްވެސް ފުޓޭއްޖެއް ފެންނާކަށް ނެތެވެ. އެހެންކަމުން ބައިޑެންގެ ވާހަކައަކީ މަޖަަލަށް ބުނި ވާހަކައެއް ކަމަށް ސާފެއް ނޫނެވެ.
އުމުރުން 81 އަހަރުގެ ބައިޑަން މި ފަހަރު ކުރިމަތިލަނީ ދެވަނަ ދައުރަކަށެވެ. ބަހުސްގެ ފަހުން ބައިޑަންގެ އަމިއްލަ ޕާޓީއިން ވެސް ވަނީ އޭނާއަށް ފާޑުކިޔާފަ އެވެ. ބައިޑަންގެ އުމުރުގެ ސަބަބުން ވެރިކަމަށް މިހާރު ކުފޫ ހަމަނުވާކަމުގެ ވާހަކަ ދަނީ ދެކެވެމުންނެވެ.
ބަހުސްގައި އޭނާގެ ވާދަވެރިޔާ ޑޮނާލްޑް ޓްރަމްޕް ވެސް ވަނީ މި ވާހަަކަ ދައްކާ އޭނާއަށް މަލާމާތްކޮށްފަ އެވެ.