ކާމިޔާބު ފިލްމުތަކެއް ގެނެސްދީފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓުން އެކްޝަން ތްރިލާ ފިލްމެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.

ޑާކް ރެއިން ބުނީ އަންނަ މަހު ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ އެކްޝަން ތުރިލާ ފިލްމަށް އަދި ނަމެއް ކިޔާފައި ނުވާތީ މިހާރު އެފިލްމަށް ބޭނުންކުރަމުން ދާނީ "ޑާކް ރެއިން ޕްރޮޖެކްޓް 37" ކަމަށެވެ. މިއީ ޑާކް ރެއިން 37 ވަނަ ޕްރޮޖެކްޓެވެ.

މިފިލްމުގެ ޕްރޮޑިއުސަރުންނަކީ މުހައްމަދު އަލީ (މޮގާ) އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގު އެވެ.

ފިލްމުގެ ޑައިރެކްޓްކުރަނީ "ފުރޭތަ" ގެ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އާއި އެ ފިލްމުގެ ވިލަންގެ ރޯލު ފެނިގެން ދިޔަ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ރަވީ ފާރޫގެވެ.

https://www.instagram.com/p/C86ty_zJ1n5/?hl=en

ޗިއްޕެ އާއި ރަވީ އެކުވެގެން ޑައިރެކްޓްކުރާ ފިލްމުގެ ސްކްރީންޕްލޭ ލިޔެފައި ވަނީ "ފުރޭތަ" ގެ ވެސް ސްކްރީން ރައިޓަރު އަހުމަދު ތޮލާލެވެ.

ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ އިން އިތުރު އެކްޝަން ތުރިލާއެއް ހަދަން ނިންމި އިރު، މާޗްގައި އެޅުވި "ފުރޭތަ" އަކީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ރިވެންޖް/އެކްޝަން ތުރިލާއެކެވެ.

ޑާކް ރެއިނުން ދެން އެންމެ އަވަހަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ހޮރޯ ކޮމެޑީ ފިލްމު "ބީބީ" އެވެ. މިފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. މިއީ "ފުރޭތަ" ގެ ބަތަލު ޝަރަފު އަބްދުﷲގެ އަންހެނުން ޝަހުދާ މަހުމޫދު ލިޔެ، ޑައިރެކްޓްކޮށް ގެނެސްދޭ ފުރަތަމަ ފީޗާ ފިލްމެވެ.