އޭޝިއާގެ އެންމެ މުއްސަނދި އާއިލާ ކަމަށްވާ އަމްބާނީ އާއިލާގެ އެންމެ ހަގު ދަރިފުޅު އަނަންތު އަމްބާނީގެ ކައިވެނި ހަފްލާ ބޯމަތިވެފައިވާއިރު އެ އާއިލާއިން އަންނަނީ އެ ކައިވެންޏަށް މިލިއަނުން ހަރަދު ކުރަމުންނެވެ.
އެގޮތުން އެންމެ ފަހުން މީޑިއާއަށް ތިލަވި ހަބަރަކީ އެ ކައިވެނި ހަފްލާއަށް ހޮލީވުޑްގެ ގިނަ ތަރިންތަކެއް ގެންނަން ހަމަޖެހިފައިވާ ހަބަރެވެ.
އެގޮތުން އެ ހަފްލާގައި ހުށައަޅަން ހަމަޖެހިފައިވާ ކަމަށް ބުނެވޭ ތަރިންގެ ތެރޭގައި މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އެޑެލް، ޑްރޭކް އަދި ލާނާ ޑެލް ރޭ ހިމެނެ އެވެ.
މި ހަބަރުތައް އަދި އަމްބާނީ އާއިލާއިން ޔަގީން ކޮށްދީފައި ނުވި ނަމަވެސް އާނަންތު އާއި ރަދިކާގެ ޕްރީ ވެޑިން ހަފްލާތަކަށް އެ އާއިލާއިން ކުރި ހަރަދުތަކަށް ބަލާއިރު މިއީ ވެސް ވެދާނެކަމެއް ކަމުގައި ގިނަ ބަޔަކު ބުނެ އެވެ.
އާނަންތުއާއި ރަދިކާގެ ޕްރީ ވެޑިން ހަފްލާގައި ހޮލީވުޑްގެ ކާމިޔާބު ލަވަކިޔުންތެރިޔާ ރިއާނާގެ ހުށައެޅުމެއް ވަނީ ފެނިގެން ގޮސްފަ އެވެ.
އެޑެލް ފަދަ މަޝްހޫރު ތަރިން ގެންނަން އުޅޭކަމަށް އަޑު ފެތުރިފައިވާއިރު އާއްމުން އަންނަނީ އެ ކައިވެންޏަށް ޓޭލާ ސްވިފްޓް ވެސް ގެންނަން ޖެހޭ ކަމަށް ބުނަމުންނެވެ.