ފްރާންސްގެ އާއްމު ތަންތަނުގައި ބުރުގާ އެޅުން މަނާ ކުރަން ހުށައެޅި މެމްބަރު އެގައުމުގެ މަޖިލިސް އިންތިހާބުގެ ފުރަތަމަ ބުރު ކާމިޔާބު ކުރުމާއެކު ފްރާންސްގެ އެތައް މިލިއަން މުސްލިމުންނެއްގެ ހައްގުތައް ނިގުޅައިގަނެވުމުގެ ބިރު ހީވެއްޖެ އެވެ.

އެގައުމުގެ މުސްލިމް އުޚުތެއް ކަމަށްވާ ފާތިމަތާ ބުނެފައި ވަނީ އެތައް ބައެއްގެ ހައްގު ނިގުޅައިގަންނަން ތާއީދުކުރި ބަޔަކަށް އެގައުމުގެ 10.6 މިލިއަން މީހުން ވޯޓު ދިނީތީ ހިތާމަކުރާ ކަމަށެވެ.

ކަނާތު ފިިޔައަށް ނިސްބަތްވާ ނެޝަނަލް ރެލީގެ މެމްބަރު މެރީން ލެ ޕެންސްއަށް އިންތިހާބުގައި 33.15 ޕަސެންޓް ލިބުނުއިރު އޭނާއާ އެންމެ ކައިރިން ވާދަކުރި ވާތު ފިޔައިގެ އެލައަންސް ތަމްސީލުކުރި މެމްބަރަށް ލިބުނީ 28.14 ޕަސެންޓެވެ.

މެރީންއަކީ ފެށުނީއްސުރެ ބުރުގާ އަޅާ މުސްލިމުންނަށް ފުރައްސާރަކޮށް އެ މީހުންގެ އެ ހައްގު ނިގުޅައިގަންނަން ޖެހޭ ކަމަށް ވަކާލާތުކުރި މީހެކެވެ.

އޭގެ އިތުރުން ވެސް އެގައުމުގެ ބޮޑު ވަޒީރުކަމުގެ މަގާމު ލިބޭނެ ކަމަށް ބެލެވޭ ފަރާތަކީ ވެސް ބުރުގާއަކީ އިޖުތިމާއީ ތަފާތުކުރުމަށް މަގުފަހިވާ އެއްޗެއް ކަމަށް ގަބޫލުކުރާ މީހެކެވެ.

ނެޝަނަލް ރެލީއަށް ލިބުނު ކާމިޔާބީއާއެކު ފްރާންސަށް ނިސްބަތްވާ ހަ މިލިއަނެއްހާ މުސްލިމުން ވަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށާފަ އެވެ.