މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު ޑރ. މުހައްމަދު ކިނާނަތު އަންގަވާ ކަމެއް ކުރުމަށްޓަކައި މިނިސްޓަރުގެ ނައިބުންގެ ގޮތުގައި ތިން ބޭފުޅަކު އައްޔަން ކުރައްވާފައިވާކަން ހާމަވެއްޖެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން "ހުރިހާ" އިން ހޯދަން އެދުނު މައުލޫމާތާ ގުޅިގެން ހޯމް މިނިސްޓްރީން ދިން ޖަވާބުގައިވާގޮތުން މިނިސްޓަރުގެ ނައިބުން ކަމަށްވާ ހުސައިން ޒީނީ އާއި އަބްދުﷲ ހުސައިނާއި މުހައްމަދު މައުރޫފަކީ އެންސީއައިޓީގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން ސްޓޭޓް މިނިސްޓަރު ޑރ. ކިނާނަތު ހަވާލުކުރައްވާ މަސައްކަތްތައް އޭނާގެ ލަފަޔާއި އިރުޝާދާއެއްގޮތަށް ބަލަހައްޓާ އެންމެ އިސް ބޭފުޅުންނެވެ. އެ ތިން ބޭފުޅުންގެ މަގާމުގެ ހަމައެކަނި މަސްއޫލިއްޔަތަކީ އެއީއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ޑރ. ކިނާނަތު އައްޔަން ކުރެއްވީ އެންސީއައިޓީ ހިންގަވާ އެންމެ އިސްބޭފުޅާގެ ގޮތުގަ އެވެ.

ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައަކީ 35،000 ރުފިޔާ އެވެ. އެހެންކަމުން އެ ތިން ބޭފުޅުންގެ މުސާރައަށް ކޮންމެ މަހަކު 105،000 ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރެ އެވެ. އެ ތިން ބޭފުޅުންގެ މުސާރައަށް އަހަރެއްގެ މައްޗަށް ދައުލަތުން 1.26 މިލިއަން ރުފިޔާ ހަރަދުކުރަންޖެހެ އެވެ.

ޑރ. ކިނާނަތުގެ އަންގަވައިގެން އެ ތިން ބޭފުޅުން މިހާތަނަށް ކުރެއްވީ ކޮން މަސައްކަތްތަކެއް ކަމެއް އެނގޭކަށް ނެތެވެ. އޭނާ އަންގަވާ މަސައްކަތްތައް ކުރަން ތިން ނައިބުން ތިއްބެވިއިރު، އެންސީއައިޓީގައި ވެސް އޭނާ ހަވާލުކުރައްވާ މަސްއޫލިއްޔަތުތައް އަދާކުރުމަށް މުވައްޒަފުން ތިބެ އެވެ.

އެ ބޭފުޅުންގެ ތެރެއިން ޒީނީ އަކީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 22 ވަނަ ދުވަހުން ފެށިގެން ޑެޕިއުޓީ މިނިސްޓަރު ކަމަށް އައްޔަން ކުރަންދެން ހުރީ އެއަށްވުރެ ބޮޑު މުސާރަ ލިބޭ މާލޭ ސިޓީ ކައުންސިލްގެ މަގާމެއްގަ އެވެ. ސިޓީ ކައުންސިލްގައި އޭނާ ހުރީ އައިސީޓީ ކޮންސަލްޓަންޓެއްގެ ގޮތުގަ އެވެ. އެ މަގާމުގެ މުސާރައަކީ 37،500 އެވެ.

ދައުލަތުގެ މާލީ ހާލަތު ދަށްވެ ރައްޔިތުން ހިތި ބޭސް ބޯންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވަނީ ވިދާޅުވެފަ އެވެ. އެއަށްފަހު ސަރުކާރުން އެންމެ ފުރަތަމަ އިއުލާންކުރީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ހިމެނޭހެން އެކި ޓެކްސްތައް ބޮޑުކުރަން ނިންމި ކަމެވެ. އޭގެފަހުން ހަރަދުކުޑަކުރުމަށް ސިޔާސީ މަގާމްތައް މަދުކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ނަމަވެސް މިއަދާހަމައަށް ވެސް މަގާމްތައް މަދުކުރާތަނެއް ނުފެނެ އެވެ.

މިިދިޔަ ހަފްތާގެ ތެރޭގައި ވަނީ އެންވަޔަރަމެންޓް މިނިސްޓްރީއަށް ޑެޕިއުޓީ މިނިސްޓަރަކު އައްޔަން ކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ ބައެއް ގައުމުތަކުގެ އެމްބަސީތަކަށް ވެސް މިދިޔަ ހަފްތާގައި ސިޔާސީ މަގާމްތަކަށް ބޭފުޅުން ހަމަޖައްސަވާފަ އެވެ.

މިކަންކަން މިހެންހުރުމުން ރައީސް މުއިއްޒުގެ ބަހާއި އަމަލު ދިމާނުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ.