ކ. ދިއްފުށި ކައިރި އަށް ސްނޯކްލިން އަށް ދިޔަ މީހަކަށް މިޔަރެއް މިއަދު ހަމަލާ ދީފި އެވެ.

"ހުރިހާ" އަށް އެނގިފައިވާ ގޮތުގައި އެ ހާދިސާގައި ޒަހަމްވީ އެރަށު ގެސްޓްހައުސްއެއްގެ ވޯޓާ ސްޕޯޓްސްގައި މަސައްކަތް ކުރާ ދިވެހި ޒުވާން ފިރިހެނެކެވެ. އޭނާގެ އަތުގައި މިޔަރު ދަތް އަޅާފައިވާ ކަމަށްވެ އެވެ.

ދިއްފުށި ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް ސުނިލް ވިދާޅުވީ އެ ރަށުގައި ދިރިއުޅޭ ޒުވާނަކަށް އެފަދަ ކަމެއް ވެފައިވާ ކަމަށާއި އެ ޒުވާނާ އަށް ފަރުވާ ދިނުމަށް މިހާރު މާލެ ފޮނުވާލާފައިވާ ކަމަށެވެ.

.ލ. ކައްދޫގައި ކުރިއަށް ދިޔަ އެމްއެންޑީއެފްގެ މޫދު ޓްރެއިނިން އެއްގައި އުޅެނިކޮށް މިޔަރެއް ހަމަލާ ދީގެން މިދިޔަ މަހު ސިފައިންގެ މީހަކު ވެސް ވަނީ ނިޔާވެފަ އެވެ. ސިފައިންގެ ޓްރޭނިންގައި އުޅެނިކޮށް މިޔަރު ހަމަލާދިނުމުން ނިޔާވީ ރ. އުނގޫފާރަށް ނިސްބަތްވާ މުހައްމަދު ޒައިދާނެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ފަހަކަށް އައިސް މިޔަރުގެ އުނދަގޫ ވަނީ ވަރަށް ބޮޑަށް ޖެހިފަ އެވެ. އެ މައްސަލަ އަށް ހައްލެއް ހޯދުމަށް އެޅޭނެ ފިޔަވަޅުތަކާ ބެހޭ ގޮތުން ސަރުކާރުން މިހާރު ދަނީ މަޝްވަރާ ކުރަމުންނެވެ.