އިނގިރޭސިވިލާތުގައި މިހާރު ކުރިއަށްދާ ވިންބްލްޑަން ޓެނިސް މުބާރާތުގައި ކުޅުނު މެޗަކަށް ފަހު ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޮކޮވިޗް ފޭނުން ދެކެ ރުޅިއަތުވެއްޖެ އެވެ. މިކަން ހިންގާފައި ވަނީ 21 އަހަރުގެ ހޮލްގާ ރޫންއާ ދެކޮޅަށް އޭނާ ކުޅުނު މެޗުގައި ބެލުންތެރިންގެ އަމަލުތައް ހުރިގޮތުންނެވެ.

މެޗުގައި ރޫންގެ ފޭނުން ވަނީ ވަރަށް ގަދައަށް ޖޮކޮވިޗްއަށް ބޫކޮށް އަޑުގަދަކޮށްފަ އެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އޭނާ ވަނީ ބެލުންތެރިން އޭނާއަށް ކުރި ބޭއިހްތިރާމް ބަލައިނުގަންނަ ކަމަށް ބުނެފަ އެވެ. އަދި މިއަށް ވުރެ "ހޮސްޓައިލް އެންވަޔަރަމަންޓް" ގައި އޭނާ ކުޅެފައިވާނެ ކަމަށާއި ސަޕޯޓްކުރުމުގެ ނަމުގައި ފޭނުންކުރާ ކަމަކުން އޭނާއަށް އެއްވެސް އަސަރެއް ނުކުރާ ކަމަށެވެ. އަދި މިއީ އާންމު ކަމެއް ކަމަށާއި ފައިސާ ދައްކައިގެން މެޗު ބަލަން އަންނަ ބައެއް ބެލުންތެރިންގެ އަމަލުތަކުގެ ސަބަބުން އެންމެނަށް އަސަރުކުރާ ފަދަ ފިޔަވަޅެއް އެޅުމަށް ބޭނުންނުވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

ޖޮކޮވިޗް ބުނި ގޮތުގައި އޭނާގެ ފޯކަސް ހުރީ ދެން އޮތް މެޗަށެވެ. މޮޅު ކުޅުމެއް ދައްކާ އޭނާ ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ.