އޭޝިއާގެ އެންމެ ބޮޑު މަހުޖަނުގެ ހަގު ދަރިފުޅު އާނަންތު އަމްބާނީ އާއި އޭނާގެ ލޯބިވެރިޔާ ރަދިކާ މާޗަންތު ކުލަގަދަ ހަފްލާއެއްގައި ކައިވެނި ކޮށްފި އެވެ.

އިންޑިއާގެ ވިޔަފާރީގެ މަރުކަޒީ ރަށް މުމްބާއީގައި ރޭ ބޭއްވި މި ކައިވެނީގެ ހަފްލާގެ ގާތްގަނޑަކަށް މަހެއްހާ ދުވަސް ކުރިން އަމްބާނީ އާއިލާއިން ވަނީ ހަފްލާތައް ބާއްވަން ފަށައިފަ އެވެ.

އާނަންތު އާއި ރަދިކާގެ ޕްރީ ވެޑިންގެ ހަފްލާތައް ކްރޫޒްއެއްގައި ބޭއްވިއިރު މުމްބާއީގައި ވެސް ކައިވެނީގެ އަގުބޮޑު ގިނަ ހަފްލާތަކެއް ކުރިއަށް ގެންދިޔަ އެވެ.

https://www.youtube.com/watch?v=HEwCluqEgGc

ރޭގެ ހަފްލާގައި ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ އިތުރުން ހޮލީވުޑްގެ ގިނަ ތަރިންތަކެއް ވެސް ފެނިގެންދިޔަ އެވެ. އޭގެ ތެރޭގައި ބޮޑު އަގު ދީގެން އެ ކައިވެނީގައި ހުށައަޅަން ގެނައި ތަރިން ވެސް ހިމެނެ އެވެ.

އެގޮތުން ފެނުނު ތަރިންގެ ތެރޭގައި އެޑަލް، ކިމް ކާޑޭޝަން، ކްލޯއީ ކާޑޭޝަން، ޖޯން ސޭނާ އަދި ރެމާ ފަދަ މަގުބޫލު ތަރިން ހިމެނެ އެވެ.

ހަބަރުތައް ބުނާ ގޮތުގައި އަމްބާނީ އާއިލާއިން މި ކައިވެންޏަށް 5000 ކްރޯޑް ރުޕީސް ހޭދަކުރި އެވެ. މިއީ 122 ބިލިއަން ޑޮލަރުގެ މިލްކިއްޔާތެއް އޮންނަ އެ އާއިލާގެ މިލްކިއްޔާތުގެ 0.5 ޕަސެންޓް އެވެ.

ރަދިކާގެ އާއިލާއަކީ ވެސް އިންޑިއާގައި ނުފޫޒުގަދަ ވިޔަފާރި އާއިލާއަކަށްވާއިރު، އޭޭނާ އާއި އާނަންތުއަކީ ސްކޫލު ދައުރުން ފެށިގެން އެކުގައި އުޅުނު ދެ މީހުންނެވެ.