ރާއްޖެ އަށް އިގްތިސާދީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބައިނަލްއަގްވާމީ ފަރާތްތަކުން ވޭތުވެދިޔަ ދެ އަހަރު ދިން އިރުޝާދާއި ލަފައަށް ކަމާބެހޭ ފަރާތްތަކުން އަހައްމިޔަތުކަން ނުދިނުމުން ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޝިމް ފޮނުއްވި ލިޔުއްވުމެއްގައި ވިދާޅުވީ އިގުތިސާދީ ކާރިސާއެއް އައުމުގެ ކުރިން އެފަދަ ހާލަތަކުން ގައުމު ސަލާމަތް ކުރަން ބޭނުންވާ މައުލޫމާތާއި އިރުޝާދާއި އެހީ އެމްއެމްއޭ އިން ފޯރުކޮށްދީފައިވާނެ ކަމަށެވެ.
އެމްއެމްއޭއަށް ލިބިފައިވާ ބާރުތަކުގެ ތެރެއިން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގެ އިގްތިސާދަށް ދިމާވާ ގޮންޖެހުންތަކަށް ވިސްނުންތެރިކަމާ އެކީ ކުރިމަތިލައި އިގްތިސާދީ ކާރިސާއެއް ދިމާވެއްޖެ ހާލަތެއްގައި ވެސް ރާއްޖެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓުނަނުދީ ރައްކާތެރި ދިމާލަކަށް ވާސިލްވެވޭނެ ގޮތްތައް ޔަގީން ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވޭތުވެދިޔަ ދެ އަހަރުތެރޭގައި އެކަނިވެސް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި މަޝްވަރާތަކުން، އިގްތިސާދަށް ނުރައްކާތަކެއް ހުރިކަމާއި އެ ނުރައްކާތަކުން އިގްތިސާދު ސަލާމަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މުހިންމުކަން ސަރުކާރާއި ކަމާބެހޭ އެހެން ފަރާތްތަކާ މި އޮތޯރިޓީން ހިއްސާ ކޮށްފައިވާކަން އެނގިލައްވާނެއެވެ،" ގަވަރުނަރު ވިދާޅުވި އެވެ.
މިހާރުގެ އިގުތިސާދީ ހާލަތު އަދި އިގުސާދީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބޮޑު ބިރެއް އޮތުމުގެ މައިގަނޑު ސަބަބަކީ، އެމްއެމްއޭ އާއި މާލީ ކަންކަމާ ބެހޭ ބައިނަލްއަގްވާމީ އިދާރާތަކުގެ އިރުޝާދާއި ލަފައަށް އަހައްމިޔަތުކަން ނުދިނުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެމްއެމްއޭ އިން ޒަމާނުންސުރެ ވަކާލާތު ކުރަމުން އައިސްފައިވާ ފިސްކަލް ޑިސިޕްލިން ގެންގުޅެފައި ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އިގުތިސާދީ މި ހާލަތުން އަރައިގަތުމަށް މުޅި ދިވެހި ދައުލަތް އެކުގައި ދަތި އަދި އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ މި ހާލަތުގައި އޭނާ އަދި އެމްއެމްއޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން ހާޝިމް ވިދާޅުވި އެވެ.