ބެންކޮކް (ޖުލައި 16) - ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ އަޕްމާކެޓް ހޮޓަލެއްގެ ތެރޭން މަރުވެފައިވާ ހަ މީހެއްގެ ހަށިގަނޑު މިއަދު ފެނިފައިވާ ކަމަށް އެ ގައުމުގެ ފުލުނުން ބުނެފި އެވެ.
ބޮޑުވަޒީރު ސުރެއްތާ ތަވިސަން ވަނީ މި ހާދިސާގެ އަވަސް ތަހުގީގެއް ހިންގައި އެ ގައުމުގެ ޓޫރިޒަމަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރަން މަސައްކަތް ކުރުމަށް އެދިވަޑައިގެންފަ އެވެ.
މަރުވި މީހުންގެ ތެރޭން ދެ މީހަކީ ވިއެޓްނާމް ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގެ ދެ މީހެކެވެ. އަނެއް ހަތަރު މީހުންނަކީ ވިއެޓްނާމް މީހުންނެވެ.
ބެންކޮކުގެ މެޓްރޯޕޮލިޓަން ޕޮލިސް ބިއުރޯގެ ޗީފް އިންވެސްޓިގޭޓާ މޭޖާ ޖެނެރަލް ތީރަޑޭޖް ތުމްސުތީ ވިދާޅުވީ ތަހުގީގުގެ ފުރަތަމަ މަރުހަލާއިން ޔަގީން ކުރެވިފައިވާ ގޮތުގައި މަރުވި ހަ މީހުންނަށް ވެސް ވަނީ ވިހައެއް ދީފައި ކަމަށެވެ. މަރުވި ހަ މީހުން ވެސް ވަނީ ކޮފީ ނުވަތަ ސައި ބޮއިފަ އެވެ. އެ މީހުންނަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމަށް އޮޓޮޕްސީން ވެސް ނުދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.
މެޓްރޯޕޮލިޓަން ޕޮލިސް ކޮމިޝަނާ ލެފްޓިނެންޓް-ޖެނެރަލް ތިޓީ ސައެންގްސަވަންގް ވިދާޅުވީ ހަ މީހުން ވެސް މަރާލާފައި ވަނީ އެހެން ބައެއްކަން ހޯދުންތަކުން އެނގޭ ކަމަށެވެ.
ތައި ބަހުން ނެރޭ ނޫހަކުން ބުނެފައި ވަނީ ހަ މީހުންގެ މަރުގެ ތުހުމަތުގައި ވިއެޓްނާމުގެ ދެ މީހަކު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ ބެންކޮކުގެ މަޝްހޫރު ގްރޭންޑް ހަޔަޓް އެރަވަން ހޮޓަލުގަ އެވެ. އަދި ޓޫރިސްޓް ހޮޓަލެއްގައި މަރުގެ ހާދިސާތަކެއް ހިނގާފައި މި ވަނީ ތައިލެންޑުން ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގަ އެވެ.
މަރުވި ތިން އަންހެނުންނާއި ތިން ފިރިހެނުން އެ ހޮޓަލުން ޗެކް-އައުޓްވާ ގޮތަށް ހަމަޖެހިފައި ވަނީ މިއަދު އެވެ. ގާތްގަނޑަކަށް 350 ކޮޓަރި ހިމެނޭ ގްރޭންޑް ހަޔަޓް ހުންނަނީ ބެންކޮކުގެ ޓޫރިސްޓުންގެ މަޝްހޫރު ސަރަހައްދެއްގަ އެވެ.
ތައިލެންޑަށް މިދިޔަ އަހަރު ވަނީ 28 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފަ އެވެ. އެ މީހުން ވަނީ 1.2 ޓްރިލިއަން ބާތު (44.8 ބިލިއަން ސިންގަޕޫރު ޑޮލަރު) ހޭދަކޮށްފަ އެވެ. ތައިލެންޑް ސަރުކާރުން އުއްމީދު ކުރަނ މި އަހަރު އެ ގައުމަށް 35 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށެވެ. ބެންކޮކުގެ ޝޮޕިން މޯލެއްގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ހިންގި ބަޑިޖެހުމުގެ ހާދިސާއެއްގައި އެ ގައުމުގެ ޓޫރިޒަމަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.