މަރުކަޒީ ބޭންކް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަށް ލަފާއެރުވުމަށް މާލިއްޔަތު ކޮމިޓީން ފާސްކޮށްފި އެވެ.
ގަވަަރުނަރު ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީން ސުވާލުކުރުމަށް އަލީ ހާޝިމް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މީގެން އެއްވެސް ދުވަހަކު ހާޒިރުވެ ވަޑައިނުގަންނަވަ އެވެ.
އަންގާރަ ދުވަހު މާލިއްޔަތު ކޮމެޓީއިން ފަހު ފުރުސަތު ދެއްވާ މިއަދު ހާޝިމް ހާޒިރުވުމަށް އަންގާފައި ވީނަމަވެސް މިއަދުވެސް އޭނާއަށް ވަނީ މަޖިލީހަށް ހާޒިރު ނުވެވިފަ އެވެ. އެހެންކަމުން މިއަދުގެ ކޮމެޓީ ބައްދަލުވުމުގައި ވަނީ ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާދެއްވުމަށް ފާސްކޮށްފަ އެވެ.
މައްސަލަ ހުށަހެޅުއްވި މަޖިލިސްގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއިން މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ނުފެންނާތީ ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން ހާޝިމް ވަނީ ކޮމިޓީއަށް ރިޕޯޓެއް ހުށަހަޅުއްވާފަ އެވެ. ރިޕޯޓުގައި ބުނެފައިވަނީ ރާއްޖެ އިގުތިސާދީ ކާރިސާއަކަށް ދިޔަ ނުދިނުމަށްޓަކައި އެމްއެމްއޭއާއި އެހެން ބައިނަލްއަގްވާމީ މާލީ އިދާރާތަކުން ދެމުންދިޔަ އިރުޝާދުތަކާއި ލަފާތަކަށް ވޭތުވެދިޔަ އަހަރުތަކުގައި ސަރުކާރުން އަހަމިއްޔަތުކަން ދީފައި ނުވާ ކަމަށެވެ.