ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖެލީނާ ޖޯލީ އޭނާގެ ކުރީގެ ފިރިމީހާގެ ކިބައިން ތަޅާފޮޅުން "ހުއްޓާލުމަށް" އެދެފި އެވެ.

2016 ގައި ވަރިވި މި ދެ ތަރިންގެ ކޯޓު މައްސަލައެއް އަދިވެސް ކުރިއަށް ދެ އެވެ. އެއީ ދެ ތަރިން ކައިވެނި ކޮށްގެން އުޅުނުއިރު ފްރާންސްއިން ގަނެފައިވާ ވައިނެރީ އަދި ގެއެއްގެ މައްސަލަ އެވެ.

މި މައްސަަލަ ޕިޓް ކޯޓަށް ހުށަހަޅާފައި ވަނީ އެންޖެލީނާ އޭނާގެ ހުއްދަ ނެތި ތަނުގެ ހިއްސާތައް ތިން ވަނަ ފަރާތަކަށް ވިއްކާލާފައިވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. އެންޖެލީނާ ވަނީ މި މައްސަލަ ދިގުދެމިގެންގޮސް ދަރިންނަށް މި ކަމުގެ އަސަރު ފޯރާ ކަމަށް ބުނަމުންނެވެ. އެހެންކަމުން މި މައްސަލަ އަނބުރާ ގެންގޮސް މިކަން ދޫކޮށްލުމަށް ރަސްމީކޮށް އޭނާ ވަނީ އެދިފަަ އެވެ.

ބްރެޑް ޕިޓް އަދި އެންޖެލީނާގެ ހަ ކުދިން ތިބެ އެވެ. އެއީ އެޑޮޕްޓް ކޮށްފައިވާ ތިން ކުދިންނާއި އެ ދެމީހުންގެ އަމިއްލަ ތިން ކުދިންނެވެ. ފަހަކަށް އައިސް ދެމީހުންގެ ދެ ދަރިން ވަނީ ޕިޓްގެ ނަން ވެސް ރަސްމީކޮށް ބޭނުންކުރުން ހުއްޓާލާފަ އެވެ.

އެންޖެލިނާ ވަނީ މި ޕިޓް މި މައްސަލަ އިތުރަށް ކުރިއަށް ގެންގޮސްފިނަމަ ދެމީހުންގެ ކައިވެނީގެ ތެރޭގައި ހިނގި ކަންކަން އާންމުކުރަން ޖެހިދާނެ ކަމަށް ބުނެފަ އެވެ.