ބެންކޮކް (ޖުލައި 18) - ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ މަޝްހޫރު ގްރޭންޑް ހަޔަޓް އެރްވަން ހޮޓަލުގައި ވިހަ ދީގެން ހަ މީހަކު މަރާލާފައި ވަނީ އެ މީހުންގެ ތެރޭން އަންހެނަކު ކަމަށް ފުލުހުން ތުހުމަތު ކޮށްފި އެވެ.
ފުލުހުން ބުނީ އެ މީހުން ބޯން ބޭނުންކުރި ސައިގައި ސައިނައިޑް ވިހައިގެ އަސަރު ހުރި ކަމަށެވެ. ޗުލަލޮންގްކޯން ހޮސްޕިޓަލްގައި ހެދި ހަ މީހުންގެ އޮޓޮޕްސީން ވެސް ދައްކާފައި ވަނީ ވިހައިގެ އަސަރު ހުރި ކަމަށެވެ.
ވިއެޓްނާމް އެމެރިކާ ދަރިކޮޅުގެ އަންހެނެއް ކަމަށްވާ ޝެރީން ޗޮންގް ވަނީ ވިހަ ދީގެން ފަސް މީހުން މަރާލުމަށް ފަހު އޭނާ ވެސް އެ ވިހަ ބޮއިގެން އަމިއްލަ އަށް މަރުވެފަ އެވެ.
ވިހަ ދީފައި ވަނީ ޗޮންގް ކަމަށް ތަހުގީގަށް އެނގިފައި ވަނީ މަންޒަރު ދުށް މީހުންނާ ސުވާލުކޮށްގެންނާއި މަރުވި މީހެއްގެ ދަރިއެއްގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގަ އެވެ.
ވިހަ ދީގެން ހަ މީހުންގެ މަރާ ގުޅިފައި ވަނީ ދަރަނީގެ މައްސަލައެއް ކަމަށް ފުލުހުން ބުންޏެވެ. އެ މީހުން ފެނުނު އިރު މަރުވެފައިވާ ތިބޭތާ 24 ގަޑިއިރު ވެދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ. މަރުވި ހަ މީހުންގެ ތެރޭގައި ދެމަފިރިން ވެސް ހިމެނެ އެވެ.
ފުލުހުން ބުނެފައި ވަނީ ޖަޕާނުގައި އިމާރާތެއް ހެދުމަށްޓަކައި މަރުވި ދެމަފިރިން ވަނީ ޗޮންގް އަށް 10 މިލިއަން ބާތު (373،000 ޑޮލަރު) ދީފަ އެވެ. އުމުރުން 49 އަހަރާއި 47 އަހަރުގެ ދެމަފިރިން ތުހުމަތުކުރި ގޮތުގައި ޗޮންގް ވަނީ އެ ފައިސާ އަށް ޚިޔާނާތްތެރިވެފަ އެވެ. އެ މީހުން ބެންކޮކުގައި ބައްދަލުކުރީ އެ މައްސަލަ ހައްލު ކުރުމުގެ ބޭނުމުގަ އެވެ. މަރުވި މީހުންގެ ތެރޭގައި 37 އަހަރުގެ މޭކަޕް އާޓިސްޓަކު ވެސް ހިމެނެ އެވެ. އެ މީހާ އަކީ ވެސް އެ ޕްރޮޖެކްޓުގައި އިންވެސްޓް ކުރަން އުޅުނު މީހެއް ކަމަށްވެ އެވެ.
ގްރޭންޑް ހަޔަޓު ހޮޓަލުގެ ފަސްވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައި އެ މީހުން މަރުވެފައި ވަނިކޮށް ފެނިފައި ވަނީ ހޮޓަލުގެ ސްޓާފަކަށެވެ. އެ މީހުން ޗެކްއައުޓް ވާން ހަމަޖެހިފައި ވަނީ ޖުލައި 16 ގަ އެވެ. މަރުވެފައި ވަނިކޮށް ފެނުނީ އެ ދުވަހުގެ ހަވީރު 5:30 ގަ އެވެ.
އެ މީހުން ހޮޓަލަށް ޗެކްއިން ވެފައި ވަނީ 15 ވަނަ ދުވަހު އެވެ.
އެ މީހުން ވަނީ ހޮޓަލުގެ ރޫމް ސާވިސް އަށް އޯޑަރުކޮށްގެން ކާ އެއްޗެހި ވެސް ގެންގޮސްފަ އެވެ. ނަމަވެސް އެއިން އެއްވެސް އެއްޗެއް ބޭނުންކޮށްފައެއް ނުވެ އެވެ. ހޮޓަލްގެ ކޮޓަރިއަށް ކާ އެއްޗެހި ގެންދިޔަ އިރު ކޮޓަރީގައި އިނީ ޗޮންގް އެކަނި ކަމަށްވެ އެވެ.
ތައި ފުލުހުން ބުނީ ސައިނައިޑް ވިހަ ބޭނުންކޮށްފައި ވަނީ އެ މީހުން ސައި ބޯން ބޭނުންކުރި ޖޯޑުގައި ކަމަށެވެ. ސައިނައިޑުގެ އަސަރު ހަށިގަނޑަށް ކޮށްފި ނަމަ ލޭގެ ސެލްތަކަށް އޮކްސިޖަން ލިބުން ބްލޮކް ކޮށްލަ އެވެ.