އައިޓީ ސިސްޓަމްތައް ހުއްޓި ދުނިޔޭގެ ބޮޑެތި ބޭންކުތަކާއި މީޑިއާތަކާއި އެއާލައިންތައް ހިމެނޭ ގޮތަށް ދުނިޔޭގެ އެކި މުއައްސަސާތަކުގެ ހިދުމަތަށް ބުރޫއަރައިފި އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ އެއާލައިންތަކަކުން ފްލައިޓްތައް ގްރައުންޑް ކޮށްފައިވާއިރު، ބައެއް އެއާލައިންތަކުގެ ފްލައިޓްތައް ދަނީ ޑިލޭވަމުންނެވެ.
ސިސްޓަމްތަކަށް ޖެހުނު މައްސަލައާ ގުޅިގެން އެމެރިކާގެ އަލަސްކާ ސްޓޭޓްގެ އިމަޖެންސީ ހިދުމަތްތަކަށް ބުރޫ އަރާ، އޮސްޓްރޭލިއާގެ ސުޕަމާކެޓްތައް ހުއްޓި، ސިސްޓަމްތައް ފެއިލްވުމުގެ ސަބަބުން ބައެއް ގައުމުތަކުގެ މީޑިއާތަކުގެ ހިދުމަތް މެދުކެނޑިފައިވެ އެވެ. އެގޮތުން އިނގިރޭސިވިލާތުގެ ސްކައި ނިއުސް ވެސް ވަގުތީ ގޮތުން ހުއްޓާލަން ޖެހުނެވެ.
ސިސްޓަމްތަކަށް މައްސަލަ ދިމާވި ސަބަބެއް ނޭނގުނު ނަމަވެސް މިއީ މައިކްރޯސޮފްޓް ވިންޑޯސްއާ ގުޅިފައިވާ މައްސަލައެއް ކަމަށް ވަނީ މިހާރު ދެނެގަނެވިފަ އެވެ. އަދި, އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް މައިކްރޯސޮފްޓުން ވަނީ ބުނެފަ އެވެ.
މައިކްރޮސޮފްޓް 365 ގެ ރަސްމީ އެކައުންޓުން އެކްސްގައި މިއަދު އާންމުކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މައިކްރޮސޮފްޓް 365 ގެ އެކި އެޕްލިކޭޝަންތަކާއި ހިދުމަތްތައް ބޭނުންކުރުމުގެ ދަތިތަކެއް ދިމާވަމުންދާ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
މައިކްރޮސޮފްޓްގެ ތަރުޖަމާނަކު ބީބީސީއަށް ބުނެފައިވަނީ މިހާރު ގިނަ ހިދުމަތްތައް ހައްލުކުރެވި އަލުން ދޭންފަށާފައި ވާކަމަށެވެ.
މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އޮސްޓްރޭލިއާއަށެވެ. އެ ގައުމުގެ ފްލައިޓުތައް ގްރައުންޑް ކޮށްފައިވާއިރު ބޭންކުތަކުގެ ހިދުމަތެއް ވެސް ނުލިބެ އެވެ. މިކަމުގެ ސަބަބުން ވިޔަފާރި ކުރަން ވެސް ވަނީ ދަތިވެފަ އެވެ.
އިނގިރޭސިވިލާތުގެ ބޭކަރީ އަދި ކޮފީ ޗެއިން ގޭލްސް ފަދަ ފިހާރަތަކާއި އޮސްޓްރޭލިއާގެ ގްރޯސަރ ވޫލްވޯތުސް ފަދަ ފިހާރަތަކުން ފައިސާ ދެއްކުމުގައި ދަތިތަކާއި ކުރިމަތިވެ، ނޭޝަނަލް އޮސްޓްރޭލިއާ ބޭންކްގެ ހިދުމަތަށްވެސް ބުރޫއަރާފައި ވާކަމަށް ސޯޝަލް މީޑިއާގައި ރިޕޯޓްކޮށްފައިވެ އެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުފަތުރުގެ ނިޒާމަށް ހުރަސްއެޅި އެއާލައިންތަކާއި ޓެކްސީތަކާއި ރޭލު ދަތުރުތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ.
އެމެރިކާގެ އެއާލައިންތައް ކަމަށްވާ ޔުނައިޓެޑް، ޑެލްޓާ އަދި އެމެރިކަން އެއާލައިންސްގެ ހުރިހާ ފްލައިޓެއް "ގްލޯބަލް ގްރައުންޑް ސްޓޮޕް" ނެރެފައިވާއިރު، އޮސްޓްރޭލިއާގެ އެއާލައިންތައް ކަމަށްވާ ވާޖިން އަދި ޖެޓްސްޓާ އިން ވަނީ ބައެއް ފްލައިޓްތައް ފަސްކޮށް އަދި ބައެއް ފްލައިޓް ކެންސަލްކޮށްފަ އެވެ. ބާލިން، ޓޯކިޔޯ އަދި ޑެހެލީ ފަދަ އެހެން އެއާޕޯޓުތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ. ފްލައިޓްތައް ޑިލޭވެ ފަސިންޖަރުންގެ ކިއުތައް ވަނީ އެއާޕޯޓްތައް ފުރާލާފަ އެވެ.