ހދ. މާވައިދޫ އިން އެ އަތޮޅު ނޮޅިވަރަންފަރަށް ބަދަލުވެ، އާމްދަނީ ހޯދުމުގެ ގޮތުން އޭނާ ފެށީ ދަނޑުގޮވާން ކުރުމެވެ. އާންމުކޮށް ހައްދާ އުޅުނު ބާވަތްތަކަކީ ކަރާ އާއި ކިއުކަންބާ އެވެ. އެއްފަހަރަކު ކަރާ ވިއްކަން ކުޅުދުފުއްޓަށް ދިޔަ ދަތުރެއްގައި އެއަތޮޅު ހަނިމާދޫ މީހަކާ ދިމާވެ ދެކެވުނު ވާހަކައެއްގައި، ހަނިމާދޫގައި މޭބިސްކަދުރު ހައްދާކަން އެނގި، މޭބިސްކަދުރު ހެއްދުމުގެ ޝައުގުވެރިކަން އަބްދުއްލަތީފުގެ ހިތުގައި އުފެދުނެވެ.

އޭގެ 6 މަސްފަހުން ހަނިމާދޫއަށް މޭބިސްކަދުރުގެ، ރޯކޮށްފައިވާ 6 ކުރި ބަލާ އައުމަށް ރައްޓެއްސަކު އެދުމުން، އެރަށަށް އޭނާ ގޮސް އެ ހަކުރި އާއި، އެކުރި ދިން ގޭ ގަހުން ފެނުނު މާރީތި ކުރިއެއްވެސް ގެނެސް، ނޮޅިވަރަންފަރުގައި ދަނޑުގައި ރޯކުރަން މަސައްކަތް ކުރި އެވެ. ނަމަވެސް ރޯކޮށްފައި ދިން ހަ ކުރި ވެސް ވީ މަރެވެ. ގަހުން ކަނޑާލި ކުރި ފިޔަވަ އެވެ.

"އެތައް މަސައްކަތެއް ކުރިން ދަނޑުގައި ހެއްދޭތޯ. ގާތްގަނޑަކަށް އަށް އަހަރު މަސައްކަތްކުރިން ކާމިޔާބުވޭތޯ. އެކަމަކު އެކަމެއް ނުވި. ރޯވާގޮތެއް ނުވޭ. ހަމަމަރުވަނީ،" ނޮޅިވަރަންފަރު ކެޔޮވަލުގެ، އަބްދުއްލަތީފް ކިޔައިދިނެވެ.

އަބްދުއްލަތީފް ހައްދާފައިވާ މޭބިސްކަދުރު ވެލެއް ދައްކާލަނީ.

ގަހުން ކަނޑާލައިގެން ގެނައި ކުރި ގޭތެރޭގައި އިންދުމުން ރޯވެ ކުރިލި އެވެ. ނަމަވެސް މޭބިސްކަދުރު ނުނިކުތުމުން މީހެއްގެ ލަފާގެމަތިން ކުރި ބުރިކުރަން ފެށި އެވެ. އެގޮތަށް ބުރިކުރާ ކޮންމެ ކުރިއަކުން މޭބިސްކަދުރު ކޯންޏެއް ނުކުތުމުން އެއީ ކުރި ކޮށައިގެން ހެއްދޭ މޭވާއެއްކަން އެނގުނެވެ. ކުރި ބުރިކުރަން ފަށައި، އަށް މަސް ވީއިރު މޭބިސްކަދުރު ލިބެން ފެށި ކަމަށް އޭނާ ބުންޏެވެ.

އަބްދުއްލަތީފް ހައްދާފައިވާ މޭބިސްކަދުރު ވެޔޮ

"ޔޫޓިއުބު ވެސް ބަލައިގެން އެނގުނީ މި ވެޔޮހައްދާ ގޮތް. ކުރި ބުރިކޮށްގެން ގިނަކުރަނީ. ބުރިކޮށްލާ ކުރިން އެއްފަހަރާ 50 ވަރަކަށް ކޯޅިއަޅާ،" އަބުދުއްލަތީފް އިތުރަށް ކިޔައިދިނެވެ.

ފުރަތަމަ ކުރިޖަހާއިރު ހުންނަނީ ރަތްކުލައިގެ ކުދި ފަތްތަކެކެވެ. ފަހުން ފެއްސަށް ބަދަލުވެ އެވެ.

"ފެހި މޭބިސްކަދުރު މިހައްދަނީ. އޭގަ ކޮންމެ ވެސް ވަރަކަށް ހުތް ރަހައެއް ހުރޭ. ރަނގަޅަށް ދޮންނުވާއިރު، ޅަކޮށް ހުންނައިރު ހަމަ އަނގަޔަށް ލާން ވެސް ނުކެރޭ،" އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނިގޮތުގައި އޭގެން ކޯޅިއެއް ދޮންވާން ހަތަރު މަސް ނަގަ އެވެ. އަދި ވިއްސާރަ މޫސުމަށް ތަންކޮޅެއް ރަނގަޅަށް މޭބިސްކަދުރު އަޅާކަން ފާހަގަ ކުރެވިފައިވެ އެވެ. ނަމަވެސް ކޮންމެވެސް ވަރަކަށް އަވި ވެސް ބޭނުންވާ ކަމަށް ލަފާކުރެވެ އެވެ. އަދި ދަނޑުގައި ނުހެއްދުނީ ގަދަ އަވީ ދޭތީކަމަށް ވެސް އޭނާއަށް ލަފާކުރެވެ އެވެ.

އަބްދުއްލަތީފް ހައްދާފައިވާ މޭބިސްކަދުރު ވެޔޮ

މިއަދު އަބްދުލަތީފްގެ ގޭގެ ގޯތިތެރޭގައި، 10 ފޫޓު ދިގު 7 ފޫޓު ފުޅާމިނުގެ ޖާގައެއްގައި މަތިން ކޮށިގަނޑެއް އަޅައިގެން، އޭގެ މައްޗަށް އަރުވައިފައި އެވަނީ ހަނިމާދޫއިން ގެނައި މޭބިސްކަދުރު ކުރި އެވެ. އަބްދުއްލަތީފު އާއި އޭނާގެ އަންހެނުން އެކުރި ރޯކޮށް މޭބިސްކަދުރު އަޅުވަން ކުރީ ވަރަށް ހީވާގި އަދި އެހާމެ ބުރަ މަސައްކަތެކެވެ.

އަބްދުއްލަތީފް އޭނާގެ ހެއްދި މޭބިސްކަދުރު ވެލެއްގައި މޭބިސްކަދުރު އަޅާފައި.

ވިއްކާ ވަރަށް މޭބިސްކަދުރު ނުލިބުނަސް ގޭކުދިންނާއި ރައްޓެހިންނަށް ކެވޭ ވަރަށް އެ މޭވާ ލިބޭކަން އޭނާ އުފަލާއެކު ފާހަގަކުރެ އެވެ.

އަބްދުއްލަތީފްގެ އެންމެ ބޮޑު އުންމީދަކަށްވީ ރާއްޖޭގެ އުތުރުގައި އެންމެ ގިނައިން މޭބިސްކަދުރު ހެއްދޭ ރަށަކަށް ނޮޅިފަވަރަންފަރު ހެދުމަށެވެ. ނަމަވެސް އެ މަސައްކަތަށް ޝައުގުވެރިކަން ހުރި މީހުން މަދުކަން އޭނާ ފާހަގަކުރެ އެވެ.