ބެންކޮކުގެ މަޝްހޫރު ހޮޓަލެއްގެ ތެރޭގައި ހިނގި ހަ މީހެއްގެ މަރުގެ ހާދިސާ އަށް ދުނިޔޭގެ ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އެ ހަ މީހުން މަރުވެފައި ވަނީ ވިހައެއް ދީގެން އެނގުނު ނަމަވެސް އެކަމުގެ ފަހަތުގައި ވަނީ ކޮން ސަބަބެއްކަން މިހާރު ވަނީ ދެނެގަނެވިފަ އެވެ. ބެންކޮކަކީ ދިވެހިން ވެސް ވިޔަފާރި އާއި ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ގައުމަކަށްވާތީ އެ ހާދިސާ އަށް ދިވެހިންގެ ސަމާލުކަން ވެސް ވަނީ ލިބިފަ އެވެ.

ބެންކޮކް (ޖުލައި 20) - ބެންކޮކް ހޮޓަލެއްގައި ހަ މީހަކު މަރުވެފައިވާ ޚަބަރާ އެކު މުޅި ތައިލެންޑާއި ދުނިޔެ އަށް ވެސް މިދިޔަ ހަފުތާގައި ވަނީ ބޮޑު ހައިރާން ކަމެއް ގެނެސްފަ އެވެ. ޓޫރިސްޓުންނަށް އަމާން ގައުމެއްގެ ގޮތުގައި ޓޫރިޒަމް ޕްރޮމޯޓް ކުރަމުން އައި އެ ގައުމުގައި މި ދިމާވި ހާދިސާއާ ގުޅިގެން އެ ގައުމުގައި ވެސް ވަނީ ކަންބޮޑުވުން އުފެދިފަ އެވެ. ބެންކޮކަކީ ވިޔަފާރި އާއި ޗުއްޓީ ހޭދަކުރުމަށް ގިނަ އަދަދެއްގެ ދިވެހިން ވެސް ދަތުރުކުރާ ގައުމަކަށްވުމާ އެކު ރާއްޖޭގައި ވެސް އެ ހާދިސާ އަށް ލިބޭ ސަމާލުކަން ބޮޑެވެ.

ބެންކޮކުގެ މަޝްހޫރު ގްރޭންޑް ހަޔަޓް އެރަވަން ހޮޓަލުގެ ފަސް ވަނަ ފަންގިފިލާގެ 502 ވަނަ ކޮޓަރީގެ ދޮރު މިދިޔަ އަންގާރަ ދުވަހު ފުލުހުން ހުޅުވާލި އިރު ވެފައިވާ ގޮތެއް މާބޮޑަށް ސާފެއް ނޫނެވެ. ފެނުނީ ހަ މީހަކު ހަރަކާތެއް ނެތި ތިބި ތަނެވެ. އެ ކޮޓަރީގެ ތެރޭން ހަޅޭކުގެ އަޑު އިވިފައެއް ނުވެ އެވެ. އެހީ އަށް އެދި ރިސެޕްޝަނަށް ފޯނު ކޮށްފައެއް ނުވެ އެވެ. ކޮޓަރި ތެރޭގައި ވެސް ތަޅާފޮޅުމެއް ހިންގިކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. އޯޑަރުކޮށްގެން ކޮޓަރި އަށް ކާން ގެންދިޔަ ކާނާ ވެސް ހުރީ ހުރި ގޮތަށެވެ.

ކޮޓަރި 502 ގެ ބޭރުން ލިބެން ހުރި ހެއްކަކީ ސީސީޓީވީގެ މަންޒަރުތަކެވެ. ކޮޓަރި ތެރޭގައި މަރުވެފައި ތިބި ހަ މީހުންނާ އެކު ސައި ޖޯޑުތަކެއް ހުއްޓެވެ. އެއީ ސައިނައިޑު ވިހަ ލާފައިވާ ޖޯޑުތަކެއްކަން އެނގުނީ ފަހުންނެވެ. ފުލުހުންނަށް މިކަން އެނގުނު ނަމަވެސް ސުވާލަކަށްވެފައި ވަނީ އެ މީހުންނަށް ވިހައެއް ދޭންވީ ކީއްވެ ބާވަ އެވެ؟ އަދި އެކަން ކުރީ ކާކު ބާވަ އެވެ؟

މަރުވި ހަ މީހުންނަކީ ކޮން ބައެއް؟

މަރުވި ހަ މީހުންގެ ތެރޭން ހަތަރު މީހުންނަކީ ވިއެޓްނާމް ބަޔެކެވެ. އެއީ ތި ނުގެޔެން ޕުއޮންގް، 46، އާއި އޭނާގެ ފިރިމީހާ އުމުރުން 49 އަހަރުގެ ހޮންގް ފަމް ތަން، ތި ގުޔެން ފުންގް ލަން، 47، އަދި ދިން ޓްރަން ފޫ، 37، އެވެ. އަނެއް ދެ މީހުންނަކީ ވިއެޓްނާމް ދަރިކޮޅު އެމެރިކާ ބަޔެކެވެ. އެއީ އުމުރުން 56 އަހަރުގެ ޝެއިން ޗޮންގް އާއި 55 އަހަރުގެ ޑަންގް ހަންގް ވޭން އެވެ.

ތަހުގީގަށް އެނގިފައިވާ ގޮތުގައި ޗޮންގް ވަނީ މަރުވި ދެމަފިރިން ކަމަށްވާ ހޮންގް ތަން އާއި ނުގެޔެން ފުއޮންގް އަތުން 10 މިލިއަން ބާތު (280،000 ޑޮލަރު) ގެ ލޯނެއް ނަގައިފަ އެވެ. އޭނާ އެ ފައިސާ ނެގީ ޖަޕާނުގައި ހޮސްޕިޓަލެއް ހަދާށެވެ. އެކަމަކު އެ ޕްރޮޖެކްޓް ކުރިއަށް ނުދާ ކަމަށްވެ އެވެ. އިމާރާތް ކުރުމުގެ މަސައްކަތް ކުރާ އެ ދެމަފިރިންނަށް ވަނީ ޗޮންގް އަތުން އެ ފައިސާ އަނބުރާ ލިބޭނެ ގޮތެއް ނުވެފަ އެވެ. އެ މައްސަލަ އޮތީ ޖަޕާނުގެ ކޯޓަކާ ހަމައަށް ދާ ހިސާބުގަ އެވެ.

ބެންކޮކް ހޮޓަލުގައި އެ މީހުން ބައްދަލު ކުރީ ކޯޓަށް ދިއުމުގެ ކުރިން މަޝްވަރާ ކުރުމަށެވެ.

ތި އެންގުޔެން ފުއޮން ލަން އެ ބައްދަލުވުމަށް ދިޔައީ އެ އިންވެސްޓްމަންޓާ ބެހޭ ގޮތުން، ޗޮންގް ފަރާތުން، އެ ދެމެފިރިންނާ ވާހަކަ ދައްކާ މެދުވެރިއެއްގެ ރޯލު އަދާކުރުމަށެވެ. އެހެންވެ އަނެއް ދެ މީހުންނާ މި ހާދިސާއާ ގުޅެނީ ކިހިނެއް ހެއްޔެވެ؟

މޭކަޕް އާޓިސްޓް ޓްރޭން ފޫ

މަރުވި ހަ މީހުންގެ ތެރޭގައި ހިމެނޭ ދިން ޓްރަން ފޫ އަކީ ވިއެޓްނާމްގައި މަޝްހޫރު މޭކް-އަޕް އާޓިސްޓެކެވެ. އޭނާގެ ކައިރިން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރޭގައި ވިއެޓްނާމުގައި މަޝްހޫރު ފިލްމީ ތަރިންނާއި ލަވަ ކިޔުންތެރިންނާއި ރީތީގެ ރާނީން ހިމެނެ އެވެ. ޓްރަން ފޫ ބައްދަލުވުމުގައި ބައިވެރިވީ ޗޮންގް ބުނެގެން ކަމަށްވެ އެވެ. ޓްރަން ފޫގެ ބައްޕަ ބުނި ގޮތުގައި އޭނާ ތައިލެންޑަށް ދަތުރުކުރީ ވެސް ޓްރަން ފޫގެ ކައިރިން ޚިދުމަތް ހޯދާ އޭނާގެ ކަލަޔަންޓުންތަކަކާ އެކު އެވެ.

ޑަންގް ހަން ވޭން ބެންކޮކް ހޮޓަލުގެ އެ ބައްދަލުވުމުގައި ބައިވެރިވި ސަބަބެއް އަދި ހޯދިފައެއް ނުވެ އެވެ.

ފުލުހުން ބުނީ ހަތް ވަނަ މީހަކު ވެސް ވަނީ އެ ހޮޓަލުން ރިޒަވޭޝަން ހަދާފައި ކަމަށެވެ. އެއީ މަރުވި ހަ މީހުންގެ ތެރޭން ކޮންމެވެސް އެކެއްގެ ދައްތަ އެކެވެ. އެކަމަކު އެ މީހާ ވަނީ މިދިޔަ ހަފުތާގެ ކުރީކޮޅު ބެންކޮކުން ވިއެޓްނާމަށް ގޮހެވެ. ފުލުހުން ބުނީ މި މަރުގެ ހާދިސާގައި އެ އަންހެން މީހާގެ ބައިވެރިވުމެއް ނެތް ކަމަށެވެ.

ހޮޓަލުގެ ކޮޓަރިތެރޭގައި ހިނގީ ކޮން ކަމެއް؟

ހަފުތާ ބަންދުގެ ތެރޭގައި އެ ގްރޫޕުގެ ހަ މީހުން ވެސް ހޮޓަލަށް ޗެކިންވެފައި ވަނީ ވަކިވަކިންނެވެ. އެ މީހުން ވަނީ ފަސް ކޮޓަރި ބުކްކޮށްފަ އެވެ. ހޮޓަލުގެ ހަތް ވަނަ ފަންގިފިލާ އިން ހަތަރު ކޮޓަރި އަދި ފަސް ވަނަ ފަންގިފިލައިން އެއް ކޮޓަރި އެވެ.

ޗޮންގް ޗެކިންވެފައި ވަނީ ފަސްވަނަ ފަންގިފިލާއިން ނެގި ހަމައެކަނި ކޮޓަރި 502 އަށެވެ. އެއީ މިދިޔަ އާދިއްތަ ދުވަހު އެވެ. ހަމަ އެ ދުވަހު ވަނީ އަނެއް ހަ މީހުން ވެސް ޗޮންގްގެ ކޮޓަރި އަށް ޒިޔާރަތް ކޮށްފަ އެވެ. އެކަމަކު އާދިއްތަ ދުވަހުގެ ރޭ އެ އެންމެން ވެސް ވަނީ އެ މީހުންގެ ކޮޓަރިތަކަށް އަނބުރާ ގޮސްފަ އެވެ.

ހޯމަ ދުވަހުގެ މެންދުރު ކުރިން ޑަން ހަންގް ވޭން ވަނީ ހަ ތަށީ ސަޔަށް އޯޑަރުކޮށްފަ އެވެ. މޭކަޕް އާޓިސްޓް ޓްރޭން ފޫ ވަނީ ފްރައިޑް ރައިސްއަކަށް އޯޑަރުކޮށްފަ އެވެ. މި ހުރިހާ އެއްޗެއް ވެސް ހޯމަ ދުވަހުގެ މެންދުރު 2 ޖަހަންވާ އިރަށް ކޮޓަރި 502 އަށް ފޮނުވައި ދިނުމަށް އެ މީހުން އެދިފައިވެ އެވެ.

އޯޑަރު ކުރި އެއްޗެހި ހޯމަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިން ރޫމް 502 އަށް ލިބެން ފެށި އެވެ. އެ ވަގުތު ރޫމް 502 ގައި އިނީ ޗޮންގް އެކަންޏެވެ.

ފުލުހުން ބުނީ ސައި ހަދައި ދިނުމަށް ހޮޓަލުގެ ވެއިޓަރު އެދުމުން ޗޮންގް ވަނީ އެކަމާ ދެކޮޅު ހަދާފައި ކަމަށެވެ. ވެއިޓަރާ ހަވާލާދީ ފުލުހުން ބުނީ ޗޮންގް ވާހަކަ ދެއްކީ ވަރަށް މަދުން ކަމަށާއި އޭނާ އިނީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ކަމަށެވެ.

އޭގެ ފަހުން އެ ގްރޫޕުގެ މީހުން ރޫމް 502 އަށް އަންނަން ފެށި އެވެ. ގްރޫޕުގައި ހިމެނޭ ދެމަފިރިން އެ ކޮޓަރި އަށް ދިޔައީ ސޫޓްކޭހެއް ހިފައިގެންނެވެ. މެންދުރު 2:17 ގައި އެންމެން ވެސް ވަނީ ކޮޓަރި 502 ގެ ދޮރުމަތިން ފެނިފަ އެވެ. އޭގެ ފަހުން އެ ކޮޓަރީގެ ދޮރު ވަނީ ލައްޕައިފަ އެވެ.

ތައި ފުލުހުން އާއްމުކުރި ކައިމް ސީންގެ ޑައިގްރާމެއް

އެ މީހުން އެ ހޮޓަލުން ޗެކް-އައުޓްވާ ގޮތަށް ހަމަޖެހިފައި އޮތީ ހޯމަ ދުވަހު އެވެ. އެކަމަކު އެކަކު ވެސް ޗެކް-އައުޓް ވެފައެއް ނުވެ އެވެ. ފުލުހުން އެ ކޮޓަރި އަށް ވަނީ އަންގާރަ ދުވަހު ހަވީރު 4:30 ގަ އެވެ. ފުރަތަމަ ވެސް ފެނުނީ ހަ މީހުން ވެސް ތަޅުންގަނޑު މައްޗަށް ވެއްޓިފައި ތިބި ތަނެވެ. ދެ މީހަކު ހޮޓަލުގެ ދޮރާ ދިމާލަށް ދާން އުޅެފައި ހުރިކަން އެނގެ އެވެ. އެކަމަކު ދޮރާ ހަމައަށް ދިއުމުގެ ކުރިން ވަނީ މަރުވެގެން ވެއްޓިފަ އެވެ.

އެ އެންމެންގެ ހަށިގަނޑުން ވެސް ވަނީ ސައިނައިޑް ވިހައިގެ އަސަރު ފެނިފަ އެވެ. އެ މީހުންގެ ތުންފަތާއި ނިޔަފަތިތައް ވަނީ ފިޔާތޮށި ކުލައިގަ އެވެ. އެއީ އޮކްސިޖަން މަދުވި ކަމުގެ ނިޝާނެކެވެ. އެ މީހުންގެ ހަށިގަނޑުގެ އެތެރޭގެ ބައެއް ގުނަވަންތަކުން ވެސް ވަނީ ސައިނަޑުގެ ވިހައިގެ ނިޝާންތައް ފެނިފަ އެވެ.

ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައި ވަނީ އެ މީހުން މަރުވުމުގައި ސައިނައިޑް ވިހަ ފިޔަވައި އިތުރު ކަމެއް ފާހަގަވާން ނެތް ކަމަށެވެ. ސައިނައިޑުގެ ބާރު ހުރި މިންވަރު ބެލުމަށް އިތުރު ޓެސްޓްތައް އަދި ހަދާނެ އެވެ.

ސައިނައިޑް ވިހައިގެ އަސަރު ހަށިގަނޑަށް ކޮށްފި ނަމަ ލޭގެ ސެލްތަކަށް އޮކްސިޖަން ލިބުން ބްލޮކް ކޮށްލަ އެވެ. ނަތީޖާއެއްގެ ގޮތުން ބޯއެނބުރުމާއި ނޭވާ ކުރުވުމާއި ހޮޑުލުން އަދި ހާޓްއެޓޭކް ޖެހޭ ގޮތްވެ އެވެ. ތައިލެންޑުގައި ސައިނައިޑް ގެންގުޅެވޭނީ ހުއްދަ ނަގައިގެންނެވެ. ހުއްދަ ނުހޯދާ ގެންގުޅެފިކަން އެނގިއްޖެ ނަމަ ދެ އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ބެންކޮކް ހޮޓެލްގައި މަރުވި ހަ މީހުން ސައި ބޯން ބޭނުންކުރި ޖޯޑްތައް. --ފޮޓޯ:ބީބީސީ

އެ މީހުންނަށް ވިހަ ދިނީ ކާކު؟

ފުލުހުން ތުހުމަތުކުރާ ގޮތުގައި ވިހަ ދީފައި ވަނީ މަރުވި ހަ މީހުންގެ ތެރޭން މީހެކެވެ. ތަހުގީގު ކުރާ ފަރާތްތަކުން ބުނެފައި ވަނީ ވިހަ ދިން ކަމަށް ބެލެވެނީ ޗޮންގް އެވެ. އަދި އެކަން ގުޅިފައި ވަނީ ދަރަނީގެ މައްސަލައާ އެވެ. ބެންކޮކުގެ ބައްދަލުވުން ބޭއްވީ ދަރަނީގެ މައްސަލަ އަށް ވާހަކަ ދައްކައިގެން ހައްލެއް ހޯދާށެވެ. އެކަމަކު އެކަން ވަނީ ނާކާމިޔާބުވެފަ އެވެ.

ފުލުހުން ވަނީ އެ ގްރޫޕުގެ ޓުއާ ގައިޑުގެ ބަޔާނެއް ވެސް ނަގައިފަ އެވެ.

މި ހާދިސާ، ހިނގާފައި ވަނީ ތައިލެންޑުން ޓޫރިޒަމް ކުރިއެރުވުމަށް މަސައްކަތް ކުރަމުންދާ ދުވަސްވަރެއްގަ އެވެ. އެ ގައުމުގެ ބޮޑުވަޒީރު ސްރެތާ ތަވިސިން ވިދާޅުވެފައި ވަނީ ތައިލެންޑަށް ޒިޔާރަތް ކުރާ މީހުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށާއި ހޮޓަލުގައި ހިނގާ ދިޔައީ ބައެއްގެ ޒާތީ މައްސަލައެއް ކަމަށެވެ.

ތައި ހޮޓަލެއްގައި މަރުގެ ހާދިސާއެއް ހިނގާފައި މިވަނީ ބެންކޮކުގެ ލަގްޒަރީ ޝޮޕިން މޯލެއްގައި 14 އަހަރުގެ ކުއްޖަކު ބަޑި ޖަހައި ދެ މީހަކު މަރާލި ހާދިސާ އަށް އަހަރެއްވާން ކައިރިވެފައި ވަނިކޮށެވެ. އެ ހާދިސާއާ ގުޅިގެން ވެސް ޓޫރިޒަމަށް ވަރަށް ބޮޑަށް އަސަރެއް ކުރި އެވެ.

ތައިލެންޑުން ދާދި ފަހުން ވަނީ 93 ގައުމެއްގެ މީހުންނަށް ވިސާއާ ނުލައި އެ ގައުމަށް އެތެރެވެވޭ ގޮތް ވެސް ހަދައިފަ އެވެ.

ތައިލެންޑަށް މިދިޔަ އަހަރު ވަނީ 28 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކޮށްފަ އެވެ. އެ މީހުން ވަނީ 1.2 ޓްރިލިއަން ބާތު (44.8 ބިލިއަން ސިންގަޕޫރު ޑޮލަރު) ހޭދަކޮށްފަ އެވެ. ތައިލެންޑް ސަރުކާރުން އުއްމީދު ކުރަނީ މި އަހަރު އެ ގައުމަށް 35 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާނެ ކަމަށެވެ.