މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ގަވަރުނަރު އަލީ ހާޝިމް ވަކިކުރަން ރައީސް އަށް ލަފާއެރުވުމުގެ މައްސަލަ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިސް ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

މާދަމާގެ ޖަލްސާއަށް ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ތެރޭގައި އޮތީ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމުން ވަކިކުރަން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމާ ގުޅޭ މައްސަލަ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ. ރިޕޯޓަށް ބަހުސްކުރުމަށްފަހު މައްސަލައިގައި ގޮތެއް ނިންމުނަށް މާދަމާގެ ޖަލްސާގައި ވޯޓަށް އަހާނެ އެވެ.

ގަވަރުނަރު ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީން ސުވާލުކުރުމަށް އަލީ ހާޝިމް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މީގެން އެއްވެސް ދުވަހަކު ހާޒިރުވެ ވަޑައިނުގަންނަވަ އެވެ.

ބުދަ ދުވަހުގެ ކޮމެޓީ ބައްދަލުވުމުގައި ވަނީ ހާޝިމް މަގާމުން ވަކި ކުރުމަށް ރައީސަށް ލަފާދެއްވުމަށް ފާސްކޮށްފަ އެވެ.

މައްސަލަ ހުށަހެޅުއްވި މަޖިލިސްގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއިން މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ނުފެންނާތީ ކަމަށް ވިދާޅުވެފަ އެވެ.