ރާއްޖެއާއި ސްރީލަންކާއާ ދެމެދު އަޅާފައިވާ "މޯލްޑިވްސް - ސްރީ ލަންކާ ކޭބަލް"އިން ހިދުމަތް ދިނުމަށް ދޭން ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގައި މުވާސަލާތީ ޙިދުމަތްދެމުން އަންނަ ދިރާގާއި އުރީދޫގެ އިތުރުން ސްރީލަންކާގެ ޑައިލޮގް އެޒިއާޓާ ގުޅިގެން މި ކޭބަލް އަޅާފައިވަނީ މިދިޔަ ޑިސެމްބަރު 15 ގަ އެވެ.
ރާއްޖޭގެ ތިންވަނަ ސަބްމެރިން ކޭބަލް އަޅާފައި ވަނީ ސްރީލަންކާގެ މައުންޓް ލެވީނިއާ އާއި ހުޅުމާލެ ދެމެދު އެވެ.
ސްރީލަންކާގެ ޑައިލޮގް އެޒިއާޓާގެ ޗީފް އެގްޒެކްޓިން ސްޕުން ވީރަސިން ވިދާޅުވީ، އެ ކުންފުނީގެ ބައިނަލްއަޤްވާމީ ޕާޓްނަރުން ކަމަށްވާ އުރީދޫ މޯލްޑިވްސް އާއި ދިރާގު އަދި އެޗްއެމްއެން ޓެކްނޮލޮޖީއާއެކު ކޯވިޑްގެ ތެރޭގައި ވެސް ކަނޑައާޅާފައިވާ ވަގުތަށް ޕްރޮޖެކްޓް ނިންމާލެވުނީތީ އުފާކުރައްވާ ކަމަށެވެ. އަދި "މޯލްޑިވްސް-ސްރީ ލަންކާ ކޭބަލް"ގެ ހިދުމަތް ދިނުމަށް މިހާރު ތައްޔާރުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ޕްރޮޖެކްޓާ ބެހޭ ގޮތުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މި ކޭބަލްގެ ސަބަބުން އިންޓަނެޓަށް ރާއްޖޭގައި އިތުރުވަމުން އަންނަ ޑިމާންޑާއި އެއްވަރަށް ޙިދުމަތް ދެވޭނެ ކަމަށެވެ.
ރާއްޖެއާއި ސްރީލަންކާއާ ދެމެދު އަޅާފައިވަނީ 840 ކިލޯމީޓަރުގެ ފައިބާ އޮޕްޓިކް ސަބްމެރިން ކޭބަލްއެކެވެ. ވާވޭ މެރީން ނެޓްވާކްސްގެ ހައި އައުޓްޕުޓް ޓައިޓޭނިއަމް ހައުސިންއަކާއެކު 3،700 މީޓަރު ކަނޑުއަޑީގައި އަޅާފައިވާ އެމްއެސްސީގެ ސަބަބުން ރާއްޖެ އާއި ސްރީލަންކާގައި، ކުރިއަރަމުން އަންނަ އީޖާދީ ޓެކްނޮލޮޖީއަށް ބޭނުންވާ ވަސީލަތްތަކާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ އެވެ.
މި މަޝްރޫއަށް އެ ދެ ކުންފުނިން 22 މިލިއަން ޑޮލަރު ޚަރަދުކުރެ އެވެ.
މި އެމްއެސްސީ ޕްރޮޖެކްޓްއާއެކު، ބަދަލުވަމުން އަންނަ ކަސްޓަމަރުންގެ ބޭނުންތަކާއި އެއްވަރަށް ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމަށާއި އެންމެ ފުރިހަމަ ގޮތުގައި އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ. އަދި ފައިވްޖީގެ ވަރުގަދަ ނެޓްވޯކްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް އިތުރު ހިތްވަރެއް ލިބި، އިޖާދީ ޚިދުމަތްތައް އުފެއްދުމަށް ފުރުސަތުތައް ފަހިވެ އިގްތިސާދު ކުރިއަރާނެ ކަމަށް ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ދެ ކުންފުނިން ބުންޏެވެ.
މިއީ ދިރާގާއި އުރީދޫ ގުޅިގެން ރާއްޖެއަށް އަޅާ ފުރަތަމަ ސަބްމެރިން ކޭބަލެވެ. މީގެ ކުރިން 2007 ގައި ދިރާގުން ވަނީ ސްރީލަންކާ ޓެލެކޮމް އާ ގުޅިގެން ކޮލަމްބޯ އިން ހުޅުމާލެއަށް 850 ކިލޯ މީޓަރުގެ ސަބްމެރިން ކޭބަލެއް އަޅައިފަ އެވެ.
އުރީދޫން ވެސް މީގެ ކުރިން ރާއްޖެ އާއި އިންޑިއާގެ ޓްރިވެންޑްރަމާ ދެމެދު ސަބްމެރިން ކޭބަލެއް އަޅާފައިވެ އެވެ. ދިރާގާއި އުރީދޫ ގުޅިގެން އަލަށް އަޅާ މި ކޭބަލް ވާނީ މިގޮތަށް ރާއްޖޭގައި އަޅާ ތިން ވަނަ ކޭބަލަށެވެ. މި ކޭބަލްގެ 45 ޕަސެންޓު ދިރާގުން ހިއްސާވާއިރު އުރީދޫން ވެސް 45 ޕަސެންޓް ހިއްސާ އޮންނާނެ އެވެ. ބާކީ 10 ޕަސެންޓް ހިއްސާއަކީ ސްރީ ލަންކާގެ މުއާސަލާތީ ހިދުމަތް ދޭ ކުންފުންޏެއް ކަމަށްވާ ޑައިލޮގް އެޒިއޭޓާގެ ހިއްސާ އެވެ.