އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މަގާމުން ވަކިކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ރައީސަށް ލަފާ އެރުވުމަށް ފާސްކުރީ 63 މެންބަރުންގެ ވޯޓާ އެކު އެވެ. އެ ވޯޓުގައި ގަވަރުނަރު ވަކިކުރުމާ ދެކޮޅަށް ވޯޓު ދެއްވީ ނުވަ މެންބަރުންނެވެ.
މާލިއްޔަތު ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވި މަޖިލިސްގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ގަވަރުނަރު ވަކިކުރަން ލަފާ ދެނީ ގައުމުގެ އިގުތިސޯދު ހީނަރުވެ، އަލުން އަނބުރާ އިއާދަކުރަން އުނދަގޫ ހިސާބަކަށް ދިޔައިރު، އެމްއެމްއޭއިން މަނިޓަރީ ޕޮލިސީ އޭގެ އެންމެ އެކަށޭނެ ގޮތުގައި ހިންގަމުންދާ ތަން ނުފެންނާތީ ކަމަށް ވިދާޅުވެފަ އެވެ.
ގަވަރުނަރު ވަކިކުރުމަށް ހުށަހެޅި މައްސަލައާ ގުޅިގެން ކޮމިޓީން ސުވާލުކުރުމަށް އަލީ ހާޝިމް ކޮމިޓީއަށް ހާޒިރުވެވަޑައިގަތުމަށް ތިން ފަހަރެއްގެ މަތިން އެންގި ނަމަވެސް އާލާސްކަންފުޅާ އުޅުއްވާތީ މީގެން އެއްވެސް ދުވަހަކު ހާޒިރުވެ ވަޑައިނުގަންނަވަ އެވެ.
ރާއްޖެ އަށް އިގްތިސާދީ ކާރިސާއެއް ކުރިމަތިވެދާނެ ކަމުގެ ބިރު ބޮޑުވެފައިވަނީ އެމްއެމްއޭ އާއި ބައިނަލްއަގްވާމީ ފަރާތްތަކުން ވޭތުވެދިޔަ ދެ އަހަރު ދިން އިރުޝާދާއި ލަފައަށް ކަމާބެހޭ ފަރާތްތަކުން އަހައްމިޔަތުކަން ނުދިނުމުން ކަމަށް ގަވަރުނަރު އަލީ ހާޝިމް ވަނީ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވިދާޅުވެފަ އެވެ.
ގަވަރުނަރު ކަމަށް އަލީ ހާޝިމް ހަމަޖެއްސެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައެވެ. އަލީ ހާޝިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި 2008-2010 އަށް ފިނޭންސް މިނިސްޓަރުކަން ކުރައްވާފަ އެވެ.

ޑްރަގް ހުރި 63 ރަބަރު ޕެކެޓާއެކު މީހަކު ހައްޔަރުކޮށްފި
ރޯދަ މަލާފަތް: ރިހައާއެކު ކާން ކިރުފޮޅި ހަމަ އެއްވަނަ!
އީރާން ވޯލްޑް ކަޕުން ވަކިވުމުން ފީފާ ކަންބޮޑުވުމެއްގެ ތެރޭގައި!