ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ކުރީގެ ފަސްޓް ލޭޑީ ނަސްރީނާ އިބްރާހިމްގެ ކައިވެނިފުޅަށް 55 އަހަރު ފުރުން އާއިލާގެ ބޭފުޅުންނާ އެކު އިހަށްރޭ ފާހަގަ ކުރައްވައިފި އެެވެ.

ރައީސް މައުމޫންގެ ބޭފުޅުން ސޯޝަލް މީޑިއާގައި އާއްމުކުރެއްވި ފޮޓޯތަކުން ފެންނަ ގޮތުގައި ދެ ބޭފުޅުންގެ ކައިވެނީގެ އެނިވާސަރީ ކޭކް ފަޅުއްވައި އަދި އުފަން ހަތަރު ބޭފުޅުންގެ އިތުރުން ކާފަ/މާމަ ވިދާޅުވާ ބޭފުޅުންނާ އެކު ވަނީ ރޭގަނޑުގެ ފަރިއްކޮޅަކަށް އިންސާފު ކުރައްވައިފަ އެވެ. އަދި އާއިލާގެ ބޭފުޅުންނާ އެކު ފޮޓޯ ނަންގަވާފައި ވެސް ވެ އެވެ.

މިސްރުގެ ގާހިރާގައި ރައީސް މައުމޫން ކިޔަވައި ވިދާޅުވަމުން ގެންދެވި އިރު ނަސްރީނާ ވެސް އުޅުއްވީ މިސްރުގައި ކިޔަވާ ވިދާޅުވުމަށެވެ. އެ ދެ ބޭފުޅުން ޖުލައި 20، 1969 ގައި ކައިވެނި ބައްލަވައިގަތީ ވެސް މިސްރުގަ އެވެ. އޭގެ ފަހުން ދެ ބޭފުޅުން ވަޑައިގެންނެވީ ނައިޖީރިއާ އަށެވެ. ރައީސް މައުމޫނަށް ނައިޖީރިއާގެ އަހުމަދު ބެއްލޯ ޔުނިވާސިޓީން ވަޒީފާ ހިމަޖެހުމާ ގުޅިގެންނެވެ. ރައީސް މައުމޫން އާއި ނަސްރީނާ އަށް ފުރަތަމަ ލިބިވަޑައިގެންނެވީ އެއްމާބަނޑު ދެބޭފުޅުންނެވެ. ދުންޔާ މައުމޫން އާއި ޔުމްނާ މައުމޫން ލިބިވަޑައިގެންނެވީ ނައިޖީރިއާގައި އުޅުއްވަނިކޮށެވެ. އޭގެ ފަހުން އެ ދެމަފިރިކަލުންނަށް ވަނީ ފިރިހެން ދެބޭފުޅުން ވެސް ލިބިވަޑައިގެނަފަ އެވެ. އެއީ ފާރިސް މައުމޫން އާއި ޣައްސާން މައުމޫން އެވެ. ޣައްސާން ލިބިވަަޑައިގެންނެވީ ރައީސް މައުމޫން ރާއްޖޭގެ ވެރިކަމުގައި ހުންނަވަނިކޮށެވެ.

ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ނަސްރީނާ އިބްރާހިމް

ނައިޖީރީ އަށް ފަހު ރާއްޖެ ވަޑައިގެން، ޓްރާންސްޕޯޓް މިނިސްޓަރުގެ މަގާމުގައި ހުންނަވަނިކޮށް، ރައީސް މައުމޫން އަށް ރާއްޖޭގެ ވެރިކަން ލިބިވަޑައިގެންނެވީ ނޮވެމްބަރު 11، 1979 ގަ އެވެ. ފަސް އަހަރުގެ ހަ ދައުރު (30 އަހަރު) އަށް ފަހު އެމަނިކުފާން ރާއްޖޭގެ ވެރިކަމުން ވަކިވެވަޑައިގެންނެވީ ނޮވެމްބަރު 11، 2008 ގަ އެވެ.

ރައީސް މައުމޫން އަށްޑުއަސް ނޫހަށް ދެއްވި އިންޓަވިއުއްގައި ވިދާޅުވެފައި ވަނީ އުފާވެރި ކައިވެންޏަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެއީ ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ. އަދި އުފާވެރި ކައިވެންޏަކަށް ވުރެ ބޮޑަށް އިންސާނުންނަށް ހިތްހަމަޖެހުން ލިބޭނެ އެހެން ކަމެއް ނޯންނާނެ ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

ރައީސް މައުމޫން އާއި ނަސްރީނާ ކައިވެނީގެ އެނިވާސަރީގެ މުނާސަބަތުގައި އާއިލާގެ ބޭފުޅުންނާ އެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި. ފޮޓޯ:އެކްސް

ހަޔާތުގެ ބައިވެރިއަކަށް ނަސްރީނާ ޚިޔާރު ކުރެއްވި ސަބަބާ ބެހޭ ގޮތުން އެ މަޖައްލާ އިން ސުވާލު ކުރުމުން ވިދާޅުވެފައި ވަނީ އެމަނިކުފާން ވަކި ނަސްރީނާ ޚިޔާރު ކުރެއްވީ ނޫން ކަމަށެވެ.

"އަޅުގަނޑާއި ނަސްރީނާއާ ދެ މީހުން އެކަކު އަނެކަކަށް ޚިޔާރު ކުރީ. އަޅުގަނޑު ހިތުން އަޅުގަނޑުމެން ދެ މީހުންކުރެ ކޮންމެ މީހަކަށް ވެސް އަނެކާ އެކު ދިރިއުޅުމަކީ އެ މީހަކު ހިތްއެދޭ ކަމަކަށްވީ،" ރައީސް މައުމޫން ވިދާޅުވެފައިވެ އެވެ.

ފުރަތަމަ ލޯބި ހުށަހެޅުއްވީ އެމަނިކުފާން ކަމަށް ވެސް ރައީސް މައުމޫންގެ އެ އިންޓަވިއުގައި ވިދާޅުވެފައިވެ އެވެ.

ރައީސް މައުމޫން އާއި ނަސްރީނާގެ ފޮޓޯފުޅެއް އައްޑުއަސް މަޖައްލާގެ ބޭރުގަނޑުގައި.

ރައީސް މައުމޫންގެ ބޭފުޅުންނާ މެދު ކުރައްވާ އުއްމީދަކީ ކޮބައިތޯ އެެ މަޖައްލާ އިން ސުވާލު ކުރުމުން ވިދާޅުވެފައި ވަނީ އެ ކުދިންނަކީ ކިޔަވައިގެން ތިބި، އުޅުން ރަނގަޅު، އުފެއްދުންތެރި މަސައްކަތެއް ކުރާ، އަދި ގައުމަށް ފައިދާހުރި ބަޔަކަށްވުން ކަމަށެވެ.

ރައީސް މައުމޫންގެ ހަތަރު ބޭފުޅުން ވެސް ވަނީ އިނގިރޭސިވިލާތުން މަތީ ތައުލީމް ހާސިލް ކުރައްވައިފަ އެވެ. ދުންޔާ މައުމޫން ވަނީ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ފޮރިން މިނިސްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ. ޔުމްނާ މައުމޫން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެރިޓޭޖް މިނިސްޓަރުކަން ކުރައްވައިފަ އެވެ. މިހާރު މި ހިނގާ، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރަކީ ޣައްސާން މައުމޫނެވެ. ފާރިސް މައުމޫން ވަނީ ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވައި އަދި އެންމެ ފަހުން ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ގިނަ ބައެއްގެ ތާއީދު ހޯއްދަވައިފަ އެވެ.

ރައީސް މައުމޫން އާއި ނަސްރީނާ ކައިވެނީގެ އެނިވާސަރީ ކޭކް އާއިލާގެ ބޭފުޅުންނާ އެކު ފަޅުއްވަނީ. ފޮޓޯ:އެކްސް
ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ނަސްރީނާ އިބްރާހިމް
ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ނަސްރީނާ އިބްރާހިމް
ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ނަސްރީނާ އިބްރާހިމް
ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ނަސްރީނާ އިބްރާހިމް