އަންނަ ހުކުރު ދުވަހު ދުނިޔޭގެ އޮލިމްޕިކް ކުޅިވަރު ފެސްޓިވަލް ފަރަންސޭސި ވިލާތުގެ ޕެރިހުގައި ފަށާނެ އެވެ.
މިއީ އެ ގައުމުގައި އޮލިމްޕިކް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން ޕެރިހުގައި އޮލިމްޕިކް ގޭމްސް ބޭއްވީ މީގެ 124 އަހަރު ކުރިން 1900 ވަނަ އަހަރު އެވެ. އެހެންކަމުން ފަރަންސޭސި ވިލާތަށް މި މުބާރާތް ވެފައި ވަނީ ތާރީޚީ މުބާރާތަކަށެވެ. ތާރީޚީ މުހިންމުކަމުގެ އިތުރުން މުބާރާތަކީ މިހާތަނަށް ދުނިޔޭގައި ބޭއްވޭ އެންމެ ކުލަގަދަ އިވެންޓަށް ހެދުމަށް ފަރަންސޭސި ވިލާތުން ދަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންނެވެ.
އަށާރަ ސަތޭކަ ނުވަދިހަ ހަވަނަ އަހަރު ގްރީކްގައި ދުނިޔޭގެ ފުރަތަމަ އޮލިމްޕިކް ގޭމްސް ބޭއްވި ކަމުގައި ވިއަސް މިޒަމާނުގެ އޮލިމްޕިކް ގޭމްސް އަކީ ފަރަންސޭސި ވިލާތުގެ އުފެއްދުމެކެވެ. ފަރަންސޭސި އިލްމު ވެރިއެއްކަމުގައިވާ ޕިއާ ޑި ކޫބަޓިން އަކީ ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީގެ ބާނީ އެވެ. ދެހާސް އެތައް އަހަރެއްގެ ކުރިން ގްރީސްގެ އޮލިމްޕިއާގައި ހިނގާފައިވާ ކުޅިވަރު ހަރަކާތްތަކެއްގެ މައްޗަށް ބިނާކޮށް އެ ހަރަކާތުން ހިތްވަރު ލިބިގެން ދުނިޔޭގެ އޮލިމްޕިކް ކޮމިޓީ އުފެއްދީ 1894 ވަނަ އަހަރު ފަރަންސޭސި ވިލާތުގެ އެވެ. އޭގެ ދެއަހަރު ފަހުން ބޭއްވި ދުނިޔޭގެ ފުރަތަމަ އޮލިމްޕިކް މުބާރާތް ގްރީކްގައި ބޭއްވީ އޮލިމްޕިކް ގޭމްސް ނިސްބަތްވާ އޮލިމްޕިއާ އަށް ޕިއާ ޑިކޫބަޓިންގެ ހިތުގައި ދެވިފައިވާ ޚާއްސަ ކަމެއްގެ ސަބަބުންނެވެ. އެ އަހަރުގެ މުބާރާތުގައި ބައިވެރިވީ 12 ގައުމަކުން 280 ބައިވެރިންނެވެ.
އަށާރަ ސަތޭކަ ނުވަދިހަ އަށެއްގައި ގްރީސް އޮލިމްޕިކް ބޭއްވުމަށްފަހު އޭގެ ދެ އަހަރު ފަހުން މުބާރާތް ފަރަންސޭސި ވިލާތުގެ ވެރިރަށް ޕެރިހުގައި ބޭއްވި ބޭއްވުމަކީ ހަގީގަތުގައި އޮލިމްޕިކް މުބާރާތް އޭގެ ފުރިހަމަ ގޮތުގައި ފެށުން ކަމުގައި ބެލެވިދާނެ އެވެ.
އޮލިމްޕިކް ގޭމްސް އަކީ، ދުނިޔޭގައި އުފެދިފައިވާ ބޮޑެތި މައްސަލަތައް އެއްފަރާތް ކޮށްފައި ކުޅިވަރުގެ ބޭނުން ކޮށްގެން ސުލްހަ ވެރިކަން ފެތުރުމަށް އެ މުބާރާތުގެ ބާނީ ޕިއާ ޑި ކޫބަޓިން ކުރި އުންމީދެއްގެ ނަތީޖާ އެވެ.
ދުވަސްވަރަކީ ފަރަންސޭސި-ޕްރަސިއާ ހަނގުރާމަ ނިމުނު ދުވަސްވަރެވެ. އަށާރަ ސަތޭކަ ހަތްދިހަ އިން 1871 އަށް ދެމިގެން ދިޔަ ފްރާންކޯ-ޕްރަސިއާ ހަނގުރާމަ ނިމުނީ ފަރަންސޭސި ވިލާތް ބަލިވެގެންނެވެ. ހަނގުރާމައިގައި ލިބުނު ފަތަހައާ އެކު ޕްރަސިއާ އާއި ޖަރުމަނު އެއްކޮށްލުމުން ޔޫރަޕްގައި ފްރާންސްގެ މަގާމާ މެދު އެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތީ ނުތަނަވަސްކަން ފެތުރިފަ އެވެ. އެ ދަނޑިވަޅުގައި ޕިއާ ޑި ކޫބަޓިން އަށް ވިސްނުނީ ގައުމުގެ ރަސްމީ ތައުލީމުގެ ތެރެއަށް ފިޒިކަލް އެޑިއުކޭޝަން އިތުރު ކުރަން ޖެހޭ ކަމަށެވެ. ސްކޫލްތަކުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއަށް ކަސްރަތާއި ކުޅިވަރު އިތުރުކޮށް ރައްޔިތުންގެ ޖިސްމާނީ ބާރު ގަދަކުރަން ޖެހޭ ކަމަށް ވިސްނި އެކަމަށް ކުރި ކެމްޕޭނާ އެކު ސްކޫލުތަކަށް ފިޒިކަލް އެޑިއުކޭޝަންގެ މާއްދާ އިތުރުކޮށް ތަފާތު ކުޅިވަރު މުބާރާތްތައް ބާއްވަން ފެށި އެވެ. ހަމަ އެއާ އެކު ކޫބަޓިން އަށް ވިސްނުނުގޮތުގައި ކުޅިވަރުގެ ބޭނުން ކޮށްގެން ދުނިޔޭގައި ސުލްހަ ވެރިކަން ފެތުރުމަށް މަސައްކަތް ކުރެވިދާނެ އެވެ. ބައިނަލްއަގުވާމީ އޮލިމްޕިކް ކޮމިޓީ އަކީ އެ މަގުސަދުގައި ކޫބަޓިން ވުޖޫދަށް ގެންނެވި ފަރަންސޭސި އުފެއްދުމެކެވެ.
ދުނިޔޭގެ ސުލަހައަށް ކުރެވޭ ކެމްޕޭނެއްގެ ގޮތުގައި ފަރަންސޭސިން ވުޖޫދަށް ގެނައި ބައިނަލްއަގުވާމީ އޮލިމްޕިކް މުބާރާތް ފަރަންސޭސި ވިލާތުގައި ބޭއްވީ 1900 ވަނަ އަހަރު އެވެ. ފަރަންސޭސި ޕީސް ޝޯގެ ހަރަކާތްތަކާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ އެ ގޭމުގައި ދުނިޔޭގެ 24 ގައުމަކުން 997 އެތްލީޓުން ބައިވެރިވި އެވެ. ނަވާރަ ސަތޭކަ ވަނަ އަހަރުގެ ޕެރިސް އޮލިމްޕިކްގައި ފުރަތަމަ ފަހަރަށް އަންހެން އެތުލީޓުންނަށް ފުރުސަތު ލިބުނެވެ. ހަމަ އެފަދައިން ފުޓުބޯޅަ އާއި ރަގްބީ އާއި ކްރިކެޓް އެ މުބާރަތަށް އަލަށް ތައާރަފް ކުރެވުނެވެ.
އޮލިމްޕިކް ވުޖޫދަށް ގެނައި ގައުމު ކަމުގައިވާ ފަރަންސޭސި ވިލާތަށް، 100 އަހަރަށް ވުރެ ގިނަ ދުވަސް ފަހުން އެ މުބާރާތް އެނބުރި ދާއިރު މިހާތަނަށް އެ މުބާރާތުގެ 53 ގޭމްސް، ދުނިޔޭގެ އެކި ގައުމުތަކުގައި ވަނީ ބާއްވައިފަ އެވެ. އެންމެ 12 ގައުމަކުން ވާދަކޮށްގެން ފެށި މުބާރާތް މިއަދު ވަނީ ދުނިޔޭގެ ހުރިހާ ގައުމަކުން ބައިވެރިވާ މުބާރާތަކަށް ވެފައެވެ. ޕެރިސް 24 ގޭމްސް ގައި 206 ގައުމަކުން 10،500 އެތުލީޓުން ބައިވެރިވާނެ ކަމުގައި ވަނީ ބެލެވިފަ އެވެ.
ސަތޭކަ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން ޕެރިހުގައި ބާއްވާ އޮލިމްޕިކް މުބާރާތް، ހުރިހާ ގޮތަކުން ވެސް އެމުބާރާތް ޚާއްސަ ކުރުމުގެ މަސައްކަތް ފްރާންސްގެ ސަރުކާރުންނާއި ރައްޔިތުން ގެންދަނީ ބުރަކޮށް ކުރަމުންނެވެ.
މުބާރާތުގެ އެންމެ ޚާއްސަ އެއްކަމަކަށް ވާނީ 10،500 އެތުލީޓުންގެ ފްލީޓު، ފެރިހުގެ މަޝްހޫރު ރިވާ ސެންގެ ތެރެއިން ބާއްވާ ޕެރޭޑެވެ. މުބާރާތުގެ ތާރީޚުގައި ވެސް ކޯރެއްގެ ތެރޭގައި މިބާވަތުގެ ހަރަކާތެއް ބާއްވާ މިއީ ފުރަތަމަ ފަހަރެވެ. ޕެރިސް 24 ކާމިޔާބު ތާރީޚީ ގޭމަކަށް ހެދުމަށްޓަކައި މުބާރާތުގެ ސަލާމަތީ ކަންތަކަށް ވެސް ވަނީ ޚާއްސަ ސަމާލުކަމެއް ދީފަ އެވެ. ތިރީސް ފަސް ހާހާއި 45000 އާއި ދެމެދުގެ އަދަދަކަށް ސަލާމަތީ އޮފިޝަލުން މި މުމުބާރާތުގެ ސަލާމަތީ ކަންތަކުގައި ހަރަކާތްތެރި ވާނެ އެވެ. މީގެ އިތުރުން މިފަހަރުގެ އޮލިމްޕިކްސް ގޭމްސަ އަކީ މިހާތަނަށް ބޭއްވޭ އެންމެ ފެހި (ތިމާވެށްޓާ ރަށްޓެހި) ގޭމްސް ކަމުގައި ހެދުމަށް ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ. އެގޮތުން މިހާތަނަށް ބޭނުން ކުރަމުން އަނަނަ ކުޅިވަރު ދަނޑުތަކާ ސްޓޭޑިއަމްތައް ބޭނުން ކުރެވޭ ގޮތަށް ހެދުން ފަދަ ކަންތަކަށް ޚާއްސަ ސަމާލުކަން ދެވިފައިވެ އެވެ. ސަތޭކަ އެތައް އަހަރެއްގެ ބުރު ޖެހުމަކަށް ފަހު އޮލިމްޕިކްސް އޭގެ އުފަން ރަށަށް ވުޖޫދު ވަނީ އެވެ.