މަގާމުގެ ޒިންމާ އަދާނުކުރެއްވޭ ނަމަ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އެ މަގާމުން ވަކި ކުރާނެކަމުގެ އިންޒާރު ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ދެއްވައިފި އެވެ.
އިންޓަނެޓް މެދުވެރިކޮށް ކުރާ ކުށްތައް ހިމެނުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ޕީއެންސީގެ ފަރާތުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން އައްބާސް ވިދާޅުވީ، މިފަދަ ފުރިހަމަ ބިލްތައް ފާސްކުރެވި ރައްޔިތުނަށް މީގެ ފޮނި މީރުކަން ލިބޭނީ ގާނޫނު ތަންފީޒުކުރަން ތިއްބެވި ފަރާތްތައް އިސްލާހު ވެގެން ކަމަށެވެ. އެގޮތުން ފުލުހުންނާއި ޕްރޮސެކިއުޓަ ޖެނެރަލް އަދި ފަނޑިޔާރުންގެ މަސްއޫލިއްޔަތު ފާހަގަ ކުރެއްވި އެވެ.
ޕްރޮސިކިއުޓަ ޖެނެރަލް އަކީ އޭރެއްގައި އޮންނަ ސަރުކާރުގެ ނުވަތަ އަރިސް ވަކި ބައެއްގެ ޕްރޮސިކިއުޓަ ޖެނެރަލްއެއް ނޫންކަމަށާއި އެއީ ރައްޔިތުންގެ ޕްރޮސިކިއުޓަ ޖެނެރަލް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ރައްޔިތުން އެދޭ ގޮތަށް އެދޭ ކަންކަން ނުކުރައްވާ އެއްވެސް ބޭފުޅަކު މަގާމުގައި ބަހައްޓަން 20 ވަނަ މަޖިލީހުން ޖާގަނުދެއްވާނެ ކަމަށާއި އެއައްވުރެ މިހާރުގެ މަޖިލިސް ނަޒާހައްތެރި ވާނެކަމަށް އައްބާސް ވިދާޅުވި އެވެ.
"އެ ބޭފުޅާ ވެސް އެބަޖެހޭ އެ ބޭފުޅާގެ ގާނޫނީ ޒިންމާ އަދާ ކުރައްވަން. އަދާ ނުކުރެއްވެންޏާ މިހާރުން މިހާރަށް އިސްތިއުފާދެއްވާފައި ގެއަށް ވަޑައިގަންނަވަންވީ. އެހެންނޫނީ ގަވަރުނަރު ބޭރުކުރި ގޮތަށް އަޅުގަނޑުމެން ބޭރުކުރާނަން،" އޭނާ ވިދާޅުވި އެވެ.
ވާނުވާގެ މައްސަލަ ނިމުމަކަށް ގެންނަން އެބަޖެހޭ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިސްކަމެއް ދެއްވައިގެން ނަމަވެސް ނުވަތަ ޕްރޮސިކިއުޓަ ޖެނެރަލްއަށް ލިބިދޭ ގާނޫނީ ބާރުގެ ބޭނުން ކުރައްވައިގެން ވެސް އެކަން ކުރައްވަން އެބަޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވެލިދޫ ދާއިރާގެ ގިނަ ބަޔަކު ވާނުވާ ބަންދުގައި ޖަލުގައި ތިބިކަން ފާހަގަކުރެއްވި އެވެ.
ފަނޑިޔާރުންނާއި ޕްރޮސިކިއުޓަ ޖެނެރަލް ބަހަނާ ނުދައްކަވާ ޒިންމާ އަދާކުރައްވާ ޝަރީއަތްތަށް އަވަސް ކުރުމަށް ވެސް އައްބާސް ގޮވާލެއްވި އެވެ.