މަޝްހޫރު ރިއަލިޓީ ސްޓާ އަދި ސުޕަ މޮޑެލް ކިމް ކާޑޭޝަންއަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ ރަނިކަން ވެސް ކުރެވިދާނެ ކަމަށް އޭނާ އަމިއްލައަށް ބުނެފި އެވެ.

ކިމް މިހެން ބުނެފައިވަނީ "ދަ ކާޑޭޝަންސް"ގެ ސީޒަން 5ގެ އެންމެ ފަހު އެޕިސޯޑުގައި ޝޯގެ އެހެން ބައިވެރިންނާއެކު ދެކެވުނު ވާހަކައެއްގެ ތެރެއިންނެވެ.

ކިމް ބުނީ އޭނާގެ ޓީވީ ބެލުމުގެ އާދަތައް މިހާރު ހުރި ގޮތުން އޭނާއަށް ވެސް ގައުމެއްގެ ރަނިކަން ކުރެވިދާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. ކިމް އިޝާރާތް ކޮށްފައި އެވަނީ އިނގިރޭސި ވިލާތުގެ ކުރީގެ ރާނީ އެލިޒަބަތު ދެވަނައިގެ ރަސްކަމާއި ޒާތީ ހަޔާތްޕުޅުގެ މައްޗަށް އުފައްދާފައިވާ "ދަ ކްރައުން" އަށެވެ.

އެ ސީރީޒް ފެށިގެން ނިމެންދެން އެއްކޮށް ބަލާފައިވާ ކަމަށް ބުނަމުން ކިމް އިތުރަށް ބުނީ ގައުމެއް ހިންގާނެ ގޮތް އެ ސީރީޒްގައި ރަނގަޅަށް ދައްކައިދީފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް ކިމް ވަނީ އޭނާގެ އެކްޓިން ކެރިއަރާ ބެހޭ ގޮތުން ވެސް އެ ޝޯގައި ވާހަކަ ދައްކާފަ އެވެ. އެގޮތުން ކުރިއަށް ވެސް އޭނާގެ އެކްޓިން ޕްރޮޖެކްޓްތަކެއް އެބަހުރިކަން އޭނާ ފާހަގަކުރި އެވެ.