ދެ އަހަރުގެ މެދުކެނޑުމަކަށްފަހު މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީން ޑިއޯން އަނބުރާ ސްޓޭޖަށް އައިސް ވަރުގަދަ ހުށައެޅުމެއް ހުށައަަޅައިދީފި އެވެ.

މިދިޔަ ހުކުރު ދުވަހު އޮތް ޕެރިސް އޮލިމްޕިކްސް 2024ގައި ސެލީން އޭނާގެ ވަރުގަދަ އަޑުން ހުށައެޅުމެއް ހުށައަޅައިދިން އިރު އެއްވެ ތިބި މީހުން މެދުނުކެނޑި އޭނާއަށް ތަރުހީބު ދެމުން ދިޔަ އެވެ.

ސެލީންގެ ހުށައެޅުމެއް ފެނިފައިވައި މިވަނީ މަދުން ނޫނީ ނުފެންނަ ބައްޔެއް ކަމަށްވާ "ސްޓިފް ޕާސަން ސިންޑްރޯމް"ގެ ޝިކާރައަކަށްވެ އޭނާގެ ހުރިހާ ކޮންސެޓުތަކެއް ކެންސަލް ކުރުމަށްފަހު އެވެ.

https://www.youtube.com/watch?v=e-E4Cpz33Zo

އިންސާނާގެ ހަރަކާތްތެރިވެ އުޅުމުގެ ބާރަށް އަސަރު ކުރުވާ ނާރުގެ ބައްޔެއް ކަމަށްވާ "ސްޓިފް ޕާސަން ސިންޑްރޯމް" ސެލީންއަށް ޖެހިފައިވާކަން އޭނާ އިއުލާންކުރީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ކެމެރާ ކުރިމަތިން ގެއްލިފަ އެވެ.

ޕިއާނޯއަކާއެކު ވިދުން ގަދަ ހެދުމެއްގައި ސެލީން އޮލިމްޕިކްސްގެ ހުޅުވުމުގެ ރަަސްމިއްޔާތުގައި ހުށައަަޅައިދިން އިރު އެ ރަސްމިއްޔާތުގެ ހޮސްޓް ވެސް ވަނީ ސެލީންގެ ހިތްވަރަށް ސާބަސްދީ ތައުރީފް ކޮށްފަ އެވެ.

މިއީ އޮލިމްޕިކްސްގެ މި ޕްލެޓްފޯމުގައި ސެލީން ހުށައެޅި ދެވަނަ ފަހަރެވެ. މީގެ ކުރިން 1996 ވަނަ އަހަރު އެޓްލާންޓާގައި ބޭއްވި އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވެސް އޭނާ ހުށައަޅައިދިނެވެ.