މަރުކަޒީ ބޭންކް, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ސަރުކާރު ބޭނުންވާއިރަށް ފައިސާ ޗާޕުކުރުމަކީ ގަބޫލުކުރާ އުސޫލެއް ނޫން ކަމަށާއި ރައްޔިތުންނާއި ގައުމަށް ގެއްލުންވާ ފަދަ ކަމެއް ސަރުކާރުން އެމްއެމްއޭ މެދުވެރިކޮށް ކުރާނަމަ އިސްތިއުފާ ދިނުމުގެ ހިތްވަރު ހުންނާނެ ކަމަށް ގަވަރުނަރުގެ މަގާމަށް އައްޔަނުކުރާ ޑރ. އަހްމަދު މުނައްވަރު ވިދާޅުވެއްޖެ އެވެ.
ކުރީގެ ގަވަރުނަރު އަލީ ހާޝިމް ވަކި ކުރުމަށްފަހު އެ މަގާމަށް، ރައީސް ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި، މުނައްވަރުގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ.
މުނައްވަރު އައްޔަންކުރުމާ ގުޅޭ ގޮތުން ދިރާސާކުރުމަށް ރައްޔިތުން މަޖިލިސްގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވުމުން މިއަދު އެ ކޮމިޓީން ވަނީ މުނައްވަރުއާ އިންޓަވިއު ކުރައްވާފަ އެވެ.
އިންޓަވިއުގައި މުނައްވަރު ވިދާޅުވީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ކުރާނަމަ އެކަމަކަށް ހުރަސްނާޅާނެ ކަމަށާއި ނަމަވެސް ރައްޔިތުންނަށް އަދި ގައުމަށް ގެއްލުންވާކަމެއް ނަމަ އެކަމުގެ މަޝްވަރާ ވެސް އަދި އެކަމުގައި ނުރުހުން ވެސް ފާޅުކުރައްވާނެ ކަމަށެވެ.
"އިސްތިއުފާ ދޭން ޖެހިއްޖިއްޔާ އިސްތިއުފާ ދޭނަން އެއީ މިނިވަން މުއައްސަސާގެ ގާނޫނީ ވާޖިބެއް" މުނައްވަރު ވިދާޅުވި އެވެ.
އޭނާ ގަބޫލުކުރައްވާ އުސޫލުތަކުގައި ހިފަހައްޓަވާނެ ކަމަށާއި އެމްއެމްއޭއިން ކޮންމެ ހާލަތެއްގައި ސަރުކާރު ބުނާ އިރަކަށް ފައިސާ ޖަހަން ޖެހޭ ކަމަށް ގަބޫލުނުކުރައްވާ ކަމަށް މުނައްވަރު އިންޓަވިއުގައި ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު ފިނޭންސް މިނިސްޓަރުގެ އެޑްވައިޒަރަކަށް މިނިސްޓަރު ފެންވަރުގައި އައްޔަން ކުރެއްވި މުނައްވަރު ވިދާޅުވީ ގާނޫނީ ތަރަހައިގެ ތެރެއިން މެނުވީ ފައިސާ ނުޖެހޭނެ ކަމަށާއި އޭނާގެ ޓްރެކް ރެކޯޑަށް ބެލި ނަމަވެސް ހިތްވަރު ހުންނާނެކަން ފެންނާނެ ކަމަށެވެ. އިސްތިއުފާ ދިނުމުގެ ހިތްވަރު ހުންނާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފަ އެވެ.
ތިޔަބަހުގެއިތުބާރު ދުވަހަކުވެސްފެނިފައެއްނެތް