ބްރެޑް ޕިޓްއާއި އެންޖެލީނާ ޖޯލީގެ ދަރިފުޅު ޕެކްސް ތިއެން ޖޯލީ ޕިޓްއަށް މަގުމަތީގެ އެކްސިޑެންޓެއްގައި އަނިޔާވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
ޖުލައި މަހުގެ 29 ވަނަ ދުވަހު ހަވީރު ލޮސް އެންޖެލަސްގައި ހިނގި އެ ހާދިސާގައި ޕެކްސްއަށް އެކި ވަރުގެ އަނިޔާތައް ވަނީ ލިބިފަ އެވެ.
ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނާ ގޮތުގައި ޕެކްސް ދުއްވަމުންދިޔަ ސައިކަލު އެކްސިޑެންޓްވީ ޓްރެފިކް ގިނަ ހިސާބެއްގައި ބާރަށް ދުއްވުމުގެ ސަބަބުންނެވެ. ހާދިސާ ހިނގިއިރު ޕެކްސް އިނީ ހެލްމެޓް ވެސް ނާޅާ ކަމަށް ފުލުހުން ބުނެ އެވެ.
ހާދިސާ ހިނގުމާއެކު ކައިރީގައި ހުރި ހޮސްޕިޓަލަކަށް ޕެކްސް ގެންގޮސް ފަރުވާ ދޭން ފެށިއިރު އޭނާގެ ހާލު މިހާރު އަންނަނީ ރަނގަޅު ވަމުންނެވެ.
މިކަމާ ބެހޭގޮތުން އެންޖެލީނާއާއި ބްރެޑްގެ އޭޖެންޓުންނަށް ގުޅުމުން އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ޕެކްސް އެކްސިޑެންޓް ވެފައި މިވަނީ އޭނާގެ މައިންބަަފައިންގެ ކައިވެނި ރޫޅި އާއިލީ އެތައް މައްސަލައެއްގެ ތެރެއިންކަން ފާހަގަ ކުރެވެ އެވެ.
ބްރެޑްއާއި އެންޖެލީނާއަށް ޖުމްލަ ހަ ކުދިން ލިބުނުއިރު މިހާރު ހުރިހާ ކުދިންވެސް އަންނަނީ އެ ކުދިންގެ އަމިއްލަ ދިރިއުޅުން ފަށަން ތައްޔާރު ވަމުންނެވެ.