އެއް މަސް ތެރޭ 6.2 މިލިއަން މަދުވެ، ޔޫޒަބަލް ރިޒާވުގައި ހުރި އަދަދު 66.9 މިލިއަން ޑޮލަރަށް ވެއްޓިއްޖެ އެވެ.
ޔޫޒަބަލް ރިޒާވުގައި މިވަގުތު މަސް ދުވަހުގެ އިމްޕޯޓަށް ބޭނުންވާ ބޭރު ފައިސާ ވެސް ނެތެވެ. ރާއްޖެއަށް ބޭނުންވާ ތެލާއި ކާޑު އަދި ބޭސް ފަދަ އަސާސީ މުދާ އެތެރެކުރުމަށް މަހެއްގެ މައްޗަށް 70 މިލިއަނަށް ވުރެ ގިނަ ޑޮލަރު ބޭނުންވެ އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން އާންމުކުރި އިކޮނޮމިކް އަޕްޑޭޓުގައިވާ ގޮތުން އޭފްރީލް މަހުގައި ރިޒާވްގައި 114 މިލިއަން ޑޮލަރު ހުއްޓެވެ. އެކަމަކު މިދިޔަ އަހަރުގެ މެއި މަހު ޔޫޒަބަލް ރިޒާވްގައި 148 މިލިއަން ޑޮލަރު ހުއްޓެވެ. އަދި މިއަހަރުގެ މެއި މަހުގެ ރިޒާވް ވަނީ 73.1 މިލިއަން ޑޮލަރު ދަށްވެފަ އެވެ. އެއީ 50 ޕަސެންޓަށް ވުރެ ވެސް ބޮޑު ދަށްވުމެކެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހުގެ ނިޔަލަށް ރަސްމީ ރިޒާވްގައި ހުރީ 509.2 މިލިއަން ޑޮލަރެވެ.
މިއީ މި އަހަރުގެ މޭ މަސް ނިމުނުއިރު ރަސްމީ ރިޒާވްގައި ހުރި 492.2 މިލިއަން ޑޮލަރަށްވުރެ 17 މިލިއަން ޑޮލަރު އިތުރުވުމެކެވެ. ރަސްމީ ރިޒާވް އިތުރުވި ނަމަވެސް މޭ މަހާއި އަޅާބަލާއިރު ޖޫން މަހު ޔޫޒަބަލް ރިޒާވް ވަނީ ދަށަށް ގޮސްފަ އެވެ.
މިދިޔަ އަހަރު ނިމުނު އިރު ޔޫޒަބަލް ރިޒާވްގައި 179 މިލިއަން ޑޮލަރު ހުއްޓެވެ. ކުރު މުއްދަތުގެ ދަރަނި އުނިކުރުމުން ޖޫން މަސް ނިމުނުއިރު ޔޫޒަބަލް ރިޒާވްގައި ހުރީ 66.9 މިލިއަން ޑޮލަރެވެ. އެކަމަކު ޔޫޒަބަލް ރިޒާވްގެ ގޮތުގައި މިދިޔަ މޭ މަސް ނިމުނުއިރު 73.1 މިލިއަން ޑޮލަރު ހުއްޓެވެ. މިއީ އެއް މަސް ތެރޭ 6.2 މިލިއަން ޑޮލަރުގެ މަދުވުމެކެވެ.
ރިޒާވް އެހާ ބޮޑަށް ދަށަށް ގޮސްފައި މިވަނީ، މާލީ ހާލަތު އިންތިހާއަށް ދަށަށް ގޮސް، ސަރުކާރުގެ ހަރަދުތައް އިންތިހާއަށް ބޮޑުވުމުންނެވެ. ސަރުކާރުގެ ހަރަދުތައް އިންތިހާއަށް މައްޗަށް ގޮސްފައިވަނީ މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކަށް ސިޔާސީ މަގާމުތައް ދިނުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެތައް ސަތޭކަ ބަޔަކަށް މަސައްކަތެއް ނެތި ވަޒީފާތަކެއް ބެހުމުންނެވެ. އޭގެ އިތުރުން ސަރުކާރުން ބޭކާރު ހަރަދުތަކެއް ކުރުމުން ވެސް ބޭރު ފައިސާ ރިޒާވަށް ނޭދެވޭ އަސަރުތަކެއްކޮށްފައިވެ އެވެ.
ރާއްޖޭގެ އިގްތިސާދު އިންތިހާއަށް ދަށްވެ، އާއްމުން ބޮޑު ނުތަނަވަސްކަމެއްގެ ތެރޭގައި އުޅެނިކޮށް ކުއްލި ގޮތަކަށް އެމްއެމްއޭގެ ގަވަރުނަރުކަމުން އަލީ ހާޝިމް ވަކިކޮށް ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައީސް މުހައްމަދު މުއިއްޒު ވަނީ އިއްޔެ އައްޔަންކޮށްފަ އެވެ.
ވަރިހަމަޔެނުން ރިޒާވް އެހާ ބޮޑަށް ދަށަށް ދިޔަޔަސް ގައުމުގެ ވެރިން ފުރަންޖެހޭތަންތަނަށް ފުރެންޔާ އޯކޭތާ . ހުރިހާ އުދަނގޫލެއް ވަނީ އާދައިގެ ނިކަމެތި މީހާޔށްވިޔާ