އިނގިރޭސި ޝާހީ އާއިލާގެ ހަބަރުތަކަކީ އިނގިރޭސި ވިލާތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުން ވެސް ވަރަށް ޝައުގުވެރިކަމާއެކު ބަލައި ހޯދާ ހަބަރުތަކެކެވެ.
އެ އާއިލާގެ ދެބެއިން ކަމަށްވާ ޕްރިންސް ވިލިއަމްއާއި ޕްރިންސް ހެރީގެ ގުޅުމުގެ ވާހަކައަކީ ދޭތެރެ ދޭތެރެއިން މީޑިއާގައި އަޑުގަދަވާ ވާހަކަ އެކެވެ. އެގޮތުން އަނެއްކާ ވެސް އެ ދެބެއިން މިވަނީ ނޫސްތަކުގެ ފަލަ ސުރުހީތަކުން ޖާގަ ހޯދަން ފަށާފަ އެވެ. މިފަހަރުގެ ހަބަރަކީ އެ ދެބެއިންގެ ގުޅުމުގައި ލާފައިވާ ރެނދު އިތުރަށް ފުންވެ ގޯހުން ގޯހަށް ދާ ކަމެވެ.
ޕްރިންސް ވިލިއަމްއާއި ހެރީގެ ގުޅުން ހީނަރުވެފައިވާކަން އެންމެ ފުރަތަމަ މީޑިއާގެ ސަމާލުކަމަށް އައީ 2016 ވަނަ އަހަރު އެވެ. އޭރު އުފެދުނު ނުތަނަވަސްކަމުގެ ސަބަބަކީ ޕްރިންސް ހެރީއާއި އޭނާގެ މިހާރުގެ އަންހެނުން މޭގަން މާކަލްއާ ދެމެދު އޮތް ގުޅުމެވެ.
އެ ގުޅުން އިތުރަށް ހީނަރުވެގެން ދިޔައީ 2018 ވަނަ އަހަރު ކުރި ކައިވެންޏަށްފަހު އޭގެ ދެ އަހަރު ފަހުން ޕްރިންސް ހެރީ ޝާހީ އާއިލާގެ ޒިންމާތަކުން ވަކިވެ މޭގަންއާއެކު އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި ހިސާބުންނެވެ.
އެއަށްފަހު އިނގިރޭސި ވިލާތުގައި ހެރީގެ ދެމަފިރިންނަށް އެކަށީގެންވާ ރައްކާތެރިކަން ނެތް ކަމަށް ބުނެ 2022 ވަނަ އަހަރު ސަރުކާރުގެ ރައްކާތެރި ކަމަށް ހެރީ އެދިފައި ވީނަމަވެސް އިނގިރޭސި ސަރުކާރުން ވަނީ އެ އެދުމަށް ނޫން ބަސް ބުނެފަ އެވެ.
އޭގެ ފަހުން ދެބެއިންގެ މެދުގައި މާބޮޑު ގުޅުމެއް ނޯންނަ ކަމަށާއި ދެބެއިންގެ ބައްޕަ އަދި މިހާރުގެ ރަސްގެފާނު ޗާލްސް ފަދައިން ހެރީގެ ފޯނުތަކަށް ވިލިއަމް ވެސް ޖަވާބު ނުދޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ޕްރިންސް ވިލިއަމްއާއި ޕްރިންސް ހެރީއަކީ ޗާލްސް ރަސްގެފާނާއި އެ ރަސްގެފާނުންގެ އެންމެ ފުރަތަމަ އަނބިކަނބަލުން ޕްރިންސަސް ޑަޔާނާގެ ކައިވެންޏަށް ލިބުނު ދެ ބޭފުޅުންނެވެ.
އިނގިރޭސި ޝާހީ އާއިލާގެ ގުޅުންތައް އިހުނަށް ވުރެ ހީނަރުވެފައިވާއިރު އެ އާއިލާ އެކުގައި އެންމެ ފަހުން ފެނިފައި ވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވުނު ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގަ އެވެ.