މޭގަން މާކަލްގެ އުއްމީދަކީ ޕްރިންސް ހެރީ ގާނޫނީ ހަނގުރާމަތައް "ދޫކޮށްލައި" މިނިވަންވުމަށް ކަމަށް މޭގަންގެ ގާތް ފަރާތަކުން ބުުނެފި އެވެ.
އުމުރުން 39 އަހަރުގެ ހެރީ މިފަހަކަށް އައިސް ގާނޫނީ ގިނަ ހަނގުރާމަތަކެއްގައި ތާށިވެފައިވާއިރު، ހަތަރު މީހުންގެ އާއިލާގެ ސަލާމަތީ ހިމާޔަތަށް ވުރެ މާ މުހިންމު މައްސަލައެއް ހެރީއަށް ނެތެވެ. 2020 ވަނަ އަހަރު އޭނާގެ މެޓްރޮޕޮލިޓަން ޕޮލިސް ބޮޑީގާޑުން ގެއްލުވާލި ހިސާބުން ފެށިގެން ހެރީ ގެންދަވަނީ ފުލުހުންގެ ހިމާޔަތް އަލުން ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ.
ޓެކްސް ދައްކާ ފަރާތްތަކުގެ އެހީގައި ސެކިއުރިޓީ އަލުން އިއާދަކުރަން ކުރި މަސައްކަތް މި އަހަރުގެ ކުރީކޮޅު އޭނާ އަށް ގެއްލުނު ނަމަވެސް އިސްތިއުނާފު ކުރުމުގެ ވިސްނުން އެބަހުއްޓެވެ.
ހެރީ ގަބޫލުކުރާ ގޮތުގައި އޭނާގެ ބައްޕާފުޅު ޗާލްސް ތިންވަނަ ރަސްގެފާނަށް އޭނާގެ ސެކިއުރިޓީ އަލުން އިއާދަކުރުމުގެ ބާރު އޮންނާނެ ކަމަށެވެ. ނަމަވެސް ގަނޑުވަރުގެ މަސްދަރަކުން ބުނީ ހެރީގެ ސެކިއުރިޓީ އޮތީ ޗާލްސްގެ އަތްޕުޅުގައި ކަމަށް ދެކެވޭ ވާހަކައަކީ މުޅިން ދޮގު ވާހަކައެއް ކަމަށެވެ
ދުސްތޫރީ ގޮތުން ރަސްގެފާނަށް އިނގިރޭސިވިލާތުގައި ސަރުކާރުގެ އެއްވެސް ބާރެއް ނޯންނާނެ އެވެ.
ޝާހީ ބޭފުޅުންނަށް ފުލުހުންގެ ހިމާޔަތް ދިނުމުގެ ޒިންމާ އޮތީ އިނގިރޭސި ވިލާތުގެ ސަރުކާރުގެ ދަށުން ހިންގާ އެގްޒެކެޓިވް ކޮމިޓީ ފޯ ދަ ޕްރޮޓެކްޝަން އޮފް ރޯޔަލްޓީ އެންޑް ޕަބްލިކް ފިގާސް (އާރްއޭވީއީސީ) އަށެވެ.
ސެކިއުރިޓީގެ މައްސަލައިގެ ސަބަބުން ހެރީ އާއި ޗާލްސްއާ ދެމެދު ބޮޑު ނުތަނަވަސްކަމެއް އުފެދި ގުޅުން ވަނީ ހީނަރުވެފަ އެވެ. ހެރީ މި ކަން ދޫކޮށްލުމަށް މޭގަން ބޭނުންވި ނަމަވެސް މި ކަމުގައި ހެރީ ބޭނުންވާ ސަޕޯޓް ދިނުމަށް އޭނާ ހުރީ ތައްޔާރަށް ކަމަށް މައުލޫމާތު ލިބެ އެވެ.