އިޒްރޭލް ޕާސްޕޯޓް މަނާކުރުމަށް ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅި މައްސަލަ އެޖެންޑާނުކޮށް 59 ދުވަސް ވުމުން ލަސްވާ ސަބަބު ސާފުކޮށްދިނުމަށް އެދި މަޖިލިސް ރައީސަށް ސިޓީއެއް ފޮނުވައިފި އެވެ.
މި ސިޓީ ފޮނުއްވާފައިވަނީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއީލް އަހްމަދު ނަސީމެވެ.
މެންބަރު މީކައިލް މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް މިއަދު ސިޓީ ފޮނުއްވިކަން ހާމަކުރައްވާ ވިދާޅުވީ އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެކަން ކަށަވަރު ކުރުމަށް އޭނާ ހުށަހެޅުއްވި ބިލު 241 ކޮމިޓީގައި އެޖެންޑާ ނުކޮށް ބާއްވާފަ އޮންނަތާ މިއަދަށް 59 ދުވަސް ވުމުން، މި ބިލުގެ މަސައްކަތް ހުއްޓާލާފައިވާ ސަބަބު ސާފުކޮށްދެއްވުމަށް މަޖިލީހުގެ ރައީސްގެ އަރިހުން އެދިފައި ވާކަމަށެވެ.
އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މެމްބަރު މީކާއީލް ހުށަހެޅުއްވީ މިދިޔަ މެއި 29 ވަނަ ދުވަހު އެވެ. އެ ބިލް ބަލައިގަނެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ފޮނުވީ މިދިޔަ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ.
ނަމަވެސް މި ބިލް ކޮމިޓީގައި އޮންނަތާ 59 ދުވަސް ވެފައިވާކަން ފާހަގަކުރައްވާ މީކާއިލް ވަނީ ބިލްގެ އެއްވެސް މަސައްކަތެއް ނުކޮށް އަދި އެޖެންޑާވެސް ނުކޮށްވާ ސަބަބު ސާފުކޮށްދެއްވުމަށް މަޖިލިސް ރައީސްގެ އަރިހުން އެދިފަ އެވެ.
އެމްޑީޕީން އެ ބިލް މަޖިލީހަށް ހުށަހަޅާފައިވަނިކޮށް، އިޒްރޭލް މީހުން ރާއްޖެ އެތެރެވިޔަ ނުދިނުމަށް ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެންނަން މަޖިލީހަށް ހުށަހަޅަން ކެބިނެޓްގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ. އެގޮތަށް ކެބިނެޓުން ނިންމިއިރު ރައީސްގެ ރިޔާސީ ގަރާރަކުން އެކަން ކުރެވޭނެ ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ. އިޒްރޭލް ޕާސްޕޯޓް މަނާކުރައްވާނެކަމަށް ވިދާޅުވެ ރައީސް މުއިއްޒު އުޅުއްވީ ފަލަސްތީނުގެ މުސްލިމުންގެ ނަމުގައިވެސް ސިޔާސީ މަންފާ ހާސިލްކުރައްވަން ކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނެ އެވެ.