މި އަހަަރުގެ ޕެރިސް އޮލިމްޕިކްސް ނިންމާލުމުގެ ހަފްލާގައި އެކްޓަރު ޓޮމް ކްރޫސްގެ ސްޓަންޓެއް ފެނިގެންދާނެ ކަމަށް ރިޕޯޓްކޮށްފި އެވެ. އުމުރުން 62 އަހަރުގެ ޓޮމްއަކީ އޭނާގެ ފިލްމްތަކުގައި އަމިއްލަ ސްޓަންޓްތައް ހަދާ މީހެކެވެ.
އޭނާ ވަނީ މިޝަން އިންޕޮސިބަލް: ޑެޑް ރެކޮނިން ޕާޓް ޓޫ" ގައި ސައިކަލެއްގައި އުސް ތަނަކުން ފުންމާލާފަ އެވެ. މި ސްޓަންޓަށް ތައްޔާރުވުމަށް އެތައް އަހަރެއް ނެގި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އޮލިމްޕިކްސް ނިންމާލުމުގެ ހަފްލާގައި ޓޮމް ހަދަނީ ކޮން ކަހަލަ ސްޓަންޓެއްކަން އަދި ސާފެއް ނުވެ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޓޮމް ހުށަހަޅާނީ ސްކައި ޑައިވިން ސްޓަންޓެކެވެ.
އޮލިމްޕިކްސް ނިންމާލުމުގެ ހަފްލާ ވަރަށް ކުލަ ގަދަކޮށް ފާހަގަކުރުމަށް ވަނީ ނިންމާފަ އެވެ. މި ހަފްލާގައި ބިލީ އައިލިޝް، ސްނޫޕް ޑޯގް އަދި ރެޑް ހޮޓް ޗިލީ ޕެޕާސްގެ ހުށަހެޅުންތައް ފެންނާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.
މި ހަފްލާގައި ދެން އޮންނަ ސަމާ އޮލިމްޕިކްސްގެ ހޭންޑް އޯވާ އޮންނާ އެވެ. 2028 ގެ ސަމާ އޮލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.