ބަރުދަން ހުންނަންޖެހޭ މިންވަރަށް ވުރެ 100 ގްރާމް ބަރުވުމުން އޮލިމްޕިކްސްއިން ޑިސްކޮލިފައި ކުރެވުނު އިންޑިއާގެ އެތުލީޓް ވިނޭޝް ފޮގަޓްއާ ބެހޭ ގޮތުން ވެޓެރަން އެކްޓަރު އަދި މިހާރުގެ މަޖިލިސް މެމްބަރު ހެމާ މާލިނީ ދެއްކި ވާހަކަތަކާއެކު އޭނާ ހޫނުފެނަށް ވެއްޓިއްޖެ އެވެ.
މިދިޔަ ބުދަ ދުވަހު އޮލިމްޕިކްސްގެ އިންތިޒާމު ކޮމެޓީއިން އެ ނިންމުން ނިންމުމާއެކު ހެމާ ބުނެފައިވަނީ އެންމެ 100 ގްރާމަކީ ވެސް ކިހާ މުހިއްމު އެއްޗެއްކަން މިކަމުން ދޭހަވާ ކަމަށާއި އެހެން ކަމުން ކޮންމެ އެތުލީޓަކު ވެސް އެކަމަށް ފަރުވާތެރިވާން ޖެހޭ ކަމަށެވެ.
ހެމާގެ މި ވާހަކަތަކާއެކު އާއްމުން ވަނީ އޭނާއަށް ފާޑުކިޔަން ފަށާފަ އެވެ. އެގޮތުން ފައިނަލަށް ދަތުރުކޮށް ގައުމަށް ރީތިނަން ހޯދައިދިން ފަރާތަކަށް އެކަހަލަ ކަމެއް މެދުވެރިވުމުން ހަމްދަރްދީ ވާން ޖެހޭނެ ކަމަށް އާއްމުން އަންނަނީ ބުނަމުންނެވެ.
އާއްމުންގެ އިތުރުން ބައެއް އިންޑިއާގެ މަޝްހޫރު ޝަހްސިއްޔަތުން ވެސް ވަނީ ހެމާގެ އެ ބުނުމަށް ފާޑުކިޔައި ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.
ވިނޭޝް މިހާރު ވަނީ އެ ނިންމުމާ ދެކޮޅަށް ކޯޓް އޮފް އާބިޓްރޭޝަން ސްޕޯޓްސްއަށް މައްސަލަ ހުށައަޅައި އޭނާއަށް ރިހި މެޑަލް ހޯދައިދިނުމަށް އެދިފަ އެވެ.
މި ދަނޑިވަޅުގައި ވިނޭޝްއާއެކު މުޅި އިންޑިއާ އޮތްއިރު އޭނާއަށް ފާޑުކިޔަމުން އަންނަ މީހުން މަދުން ނަމަވެސް އުޅޭކަން ފާހަގަ ކުރެވެ އެވެ.