ނުސީދާ ގޮތެއްގައި ޖޯން އަބްރަހަމް އޭނާއާ އެކު ބޮލީވުޑްގައި މަސައްކަތްކުރާ މަޝްހޫރު ބައެއް ތަރިންނަށް ބަހުގެ ހޫނު ހަމަލާއެއް ދީފި އެވެ.

ދާދި ފަހުން ބޭއްވި ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަމުން ޖޯން ބުނެފައިވަނީ "ޕާން މަސާލާ" ފަދަ ސިއްހަތަށް ނުރައްކާތެރި އެއްޗެއް އިޝްތިހާރުކުރާ ތަރިންނަކީ މަރު އިޝްތިހާރުކުރާ ތަރިން ކަމަށެވެ.

ޖޯންގެ އިންޓަވިއުގައި ވަކި ތަރިއެއްގެ ނަން ބުނެފައި ނުވި ނަމަވެސް ޕާން މަސާލާ އިޝްތިހާރުކުރާ ތަރިންގެ ތެރޭގައި އަޖޭ ދޭވްގަން، އަކްޝޭ ކުމާރު، ޝާހްރުކް ޚާން އަދި ޓައިގާ ޝްރޮފް ހިމެނެ އެވެ.

ޖޯން އިތުރަށް ބުނީ އޭނާއަކީ އަމިއްލަ ނަފްސަށް ތެދުވެރި މީހެއް ނަމަ އޭނާ ހިތްވަރު ނުދޭ ކަމެއް އާއްމުކޮށް އިޝްތިހާރު ނުކުރާނެ ކަމަށެވެ.

ޕާން މަސާލާ ވިއްކައިގެން އަހަރެއްގެ މައްޗަށް 14 ކްރޯޑް ރުޕީސް ދައުރުވާ ކަމަށާއި އެއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ޖޯން މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ވޭދާ"ގެ މަސައްކަތް ކުރަމުންނެވެ. އެ ފިލްމު ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އިންޑިއާގެ މިނިވަން ދުވަސް ކަމަށްވާ އޮގަސްޓް 15 ގަ އެވެ.