ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އެމްއެމްއޭގެ ގަވަރުނަރު އަހްމަދު މުނައްވަރު ސައުދިއަރަބިޔާއަށް ފުރާވަޑައިގެންފި އެވެ.

މި ދަތުރުފުޅަކީ ސައުދީގެ ފޮރިން މިނިސްޓަރު ޕްރިންސް ފައިސަލް ބިން ފަރްހާން އަލް-ސައުދުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ދަތުރުފުޅުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ހާއްސަ ސިޓީފުޅެއް، ސައުދީ ރަސްގެފާނު އަދި ބޮޑުވަޒީރު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އަލް-ސައުދަށް އެރުވުމަށް ހަމަޖެހިފައިވާކަމަށެވެ.

މީގެ އިތުރުން، ސައުދީގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މި އަހަރަކީ، ރާއްޖެއާއި ސައުދީއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 43 އަހަރު ފުރޭ އަހަރެވެ.

މިދަތުރުފުޅުގައި، ސައުދީ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްއާ ބައްދަލުކުރެއްވުމުގެ އިތުރުން، ރިޔާދުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިއަދުން ފެށިގެން މި މަހުގެ 22 އަށް ކުރައްވާ މި ދަތުރުފުޅުގައި ޒަމީރުގެ އަރިހުގައި އެމްއެމްއޭގެ ގަވަރުނަރުގެ އިތުރުން ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖް އަދި ކުރީގެ ގަވަރުނަރު އަހްމަދު ނަސީރާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓަޑްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދާއި ފޮރިން މިނިސްޓްރީގެ ޖޮއިންޓް ސެކްރެޓަރީ ބަދުރާ ސައީދާއި ޑިރެކްޓަރ ޖެނެރަލް އާއިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވާނެ އެވެ.