ކުރީގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޫކުރި ގޯތިތައް އަތުލުމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ގޮވާލައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގައި އާބަން ޑިވެލޮޕްމަންޓްގެ ބިލަށް މިއަދު ބަހުސް ކުރައްވަމުން މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ކަނޑުތަކާއި ފަޅުތަކުން ގޯތި ދޫކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ކަނޑުން ނުވަތަ ފަޅުން ގޯތިދެވޭނެ ވާހަކަ ގާނޫނުގައި ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން ގާނޫނާ ހިލާފަށް ދީފައިވާ ގޯތިތައް އަތުލުމަށް އޭނާ ގޮވާލެއްވި އެވެ. އެ ގޯތިތަކަކީ ރަނގަޅަށް ދީފައިވާ ގޯތިކަމަށް ހައްދަވައިގެން ގޯތި ދޭން ސަރުކާރުން އުޅުއްވަނީ ކީއްވެތޯ އޭނާ ވަނީ ސުވާލު ކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާއިން ހިއްކާ ބިމުން ވަކި ބަޔަކަށް ހިލޭ ބިން ދިނުން ގަބޫލުނުކުރައްވާ ކަމަށެވެ.

"ދިވެހި ރައްޔިތުންގެ ފައިސާ އިސްރާފުކޮށްގެން ނުވާނެ. ގައުމު މިއޮށް ބްލީޑްވަނީ" އައްބާސް ވިދާޅުވި އެވެ.

ކޮންމެ ވެރިއެއްގެ ވިސްނުމަކީ މާލެ ސަރަހައްދުގައި ކޮތަރުކޮށިތައް ހަދައި ރަށްރަށުގެ ރައްޔިތުން މާލެ ގެނެސް ތޮއްޖައްސާ، ރަށްތައް ފަޅުކުރުމުން ކަމަށް ވާނަމަ ކޮންމެ ބިލެއް ހެދިނަމަވެސް މިހުރި މައްސަލަތަކަށް ހައްލު ނުލިބޭނެކަމަށް އޭނާ ވިދާޅުވި އެވެ.

ދިރިއުޅޭ ރަށްތަކުގައި ރަނގަޅު ވަސީލަތްތައް ގާއިމުކުރުމުން ރަށްރަށުން މީހުން މާލެ އަންނަން ނުޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބިންވެރިޔާ" ސްކީމުގެ ސަބަބުން އެޗްޑީސީއަށް 11 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށް އޮޑިޓު އޮފީހުން ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ. މާލެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ހުޅުމާލެ އިން ދޫކުރި ގޯތިތަކުގައި ގަވައިދާ ހިލާފަށް ވިޔަފާރި ކުރަމުންދާކަމުގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފަ އެވެ.