ދިވެހި ރެޑް ކްރެސެންޓް އިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެޖަމާއަތުން ތައާރަފު ކޮށްފައިވާ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް"ގެ ޕާޓްނާޝިޕް ދިރާގުން ކުރިޔަށް އޮތް ދެ އަހަރަށް އާ ކޮށްފި އެވެ.
ދިރާގުން ބުނިގޮތުގައި މި ޕާޓްނާޝިޕްގެ ދަށުން ދިވެހި ރެޑް ކްރެސެންޓުން ދޭ ޚިދުމަތްތަކުގައި އެހީތެރިވުމަށް ވެސް ދިރާގުން ނިންމައިފައިވެ އެވެ.
ދިރާގުން ވަނީ މީގެ ކުރިން ދިވެހި ރެޑް ކްރެސެންޓްގެ ކޯޕަރޭޓް މެމްބަރެއްގެ ގޮތުގައި 2018 ން 2022 ވަނަ އަހަރާ ހަމައަށް ހަރަކާތްތެރިވެ، އެޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ދިވެހި ރެޑް ކްރެސެންޓްގެ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގައި ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ބައިވެރިވުމުގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދެވޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މި މަސައްކަތްތަކުގެ ތެރޭގައި ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނޭ ކަމަށް ވެސް ދިރާގުން ބުނެ އެވެ.
މީގެ އިތުރުން މި އެހީގެ ސަބަބުން މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްގީކުރުމަށް ވެސް މަގުފަހިވެގެންދާ އެ ކުންފުނިން ބުނެ އެވެ.
ދިރާގުގެ ޑިރެކްޓަ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މިއަދު ދުނިޔޭގެ ހިއުމެނިޓޭރިއަން ދުވަސް ފާހަގަކުރަމުން ދާއިރު، ދިވެހި ރެޑް ކްރެސެންޓްގެ "ޕާޓްނާސް ފޯ ހިއުމެނިޓީ"ގެ ޕާޓްނަޝިޕް އާކޮށް ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"މި ފުރުސަތުގައި ދިވެހި ރެޑް ކްރެސެންޓްގެ ޓީމާއި ދަރުމަވެރިން އިންސާނިއްޔަތަށްޓަކާ ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، މި މަސައްކަތުގައި ދިރާގުން އަބަދުވެސް އެއްބާރުލުންދޭނެކަން ޔަގީންކުރަން،" އޭނާ ވިދާޅުވިއެވެ.
މިވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮއްދޭ ހިދުމަތްތައް ދިނުމުގައި އަދި މަސައްކަތްފުޅާ ކުރުމުގައި ދިރާގުން ފޯރުކޮށްދީފައިވާ އެހީތެރިކަން ދިވެހި ރެޑް ކްރެސެންޓުން ފާހަގަކުރެ އެވެ. އަދި މި އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގަ އާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓްއާ ދެމެދު ގާއިމްކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.