ކުރިއަށް އޮތް އެމީ އެވޯޑްސްގެ "އައުޓްސްޓޭންޑިން ހާޑް ނިއުސް ފީޗާ ސްޓޯރީ"ގެ ކެޓަގަރީއަށް ފަލަސްތީނުގެ ނޫސްވެރިޔަކު އުފައްދާފައިވާ ރިޕޯޓެއް ނޮމިނޭޓް ވެއްޖެ އެވެ.

"އިޓްސް ބިސާން ފްރޮމް ޣައްޒާ އެންޑް އައި އޭމް ސްޓިލް އެލައިވް"ގެ ނަމުގައި އަލްޖަޒީރާއިން ޕްރޮޑިއުސްކޮށް ބިސާން އައުޑާ އުފައްދާފައިވާ އެ ވީޑިއޯ ރިޕޯޓަކީ ޣައްޒާގައި މި ވަގުތު ދިރިއުޅުމުގެ ހާލަތު ހުރި ގޮތަށް އަލިއަޅުވާލައި ހަދާފައިވާ ރިޕޯޓެެކެވެ.

ބިސާންގެ އިތުރުން ދެން އެ ކެޓަގަރީއަށް ވާދަކުރަނީ ސީއެންއެންއާއި ދަ ގާޑިއަންއިން އާއްމުކޮށްފައިވާ ޣައްޒާގެ ރިޕޯޓުތަކުގެ އިތުރުން ނިޔު ޔޯކް ޓައިމްސްއިން ޔޫކްރެއިންގެ މައްޗަށް ހަދާފައިވާ ރިޕޯޓެކެވެ.

ބިސާންގެ އެ ރިޕޯޓަށް މިހާތަނަށް ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޝަރަފުވެރި ދެ އެވޯޑެއް ލިބިފައިވާއިރު އެ ރިޕޯޓަށް އާއްމުންގެ ތައުރީފު އަންނަނީ އޮހެމުންނެވެ.

https://www.youtube.com/watch?reload=9&v=741knWh3hJ0

ބިސާން އެމީއަށް ނޮމިނޭޓްވުމާއެކު އިޒްރޭލަށް ވާގިވެރިވާ ޖަމާއަތަކުން ވަނީ ބިސާންއަކީ ޓެރަރިސްޓް ޖަމާއަތަކަށް ނިސްބަތްވާ ފަރާތެއް ކަމަށް ބުނެ އެ ނިންމުން އަލުން މުރާޖައާ ކުރުމަށް އެދި އެމީގެ ކޮމިޓީއަށް ސިޓީއެއް ފޮނުވާފަ އެވެ.

އެހެން ނަމަވެސް އެ ނިންމުމަކީ ތަޖުރިބާކާރު ނޫސްވެރިންގެ ޓީމަކުން ނިންމާފައިވާ ނިންމުމެއް ކަމަށާއި ބެލި ބެލުމުން ބިސާންއަކީ އެފަދަ އެއްވެސް ހަރަކާތެއްގައި ބައިވެރިވާ ފަރާތެއްކަން އެނގިފައިނުވާ ކަމަށް އެމީ އެވޯޑްސްގެ ކޮމެޓީއިން ބުނެފައިވެ އެވެ.