ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރާ މީހެއްގެ ދިފާއީ ވަކީލަކަށް ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރެއް ކަމަށްވާ މުހައްމަދު ރާގިބު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރައީސް އައްޔަން ކުރައްވާފައި ތިއްބެވި ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ދައުލަތާ ދެކޮޅަށް ކޯޓުތަކުގައި ވަކާލާތުކުރާ މައްސަލަތައް ކުރިން ފެންމަތިވެފައި ވަނިކޮށް މިފަހަރު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރަން ވަޑައިގަތީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ރާގިބެވެ.
ހައި ކޯޓުގައި ވަކާލާތުކުރަން އޭނާ ވަޑައިގަތުމުން އިއްޔެގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ބުނެފަ އެވެ.
މިކަމާ މެދު ހައި ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.
މިފަދަ މައްސަލަތައް ކުރިން ފެންމަތިވާން ފެށުމުން އޭރު ސަރުކާރުން ބުނެފައިވަނީ ސިޔާސީ މަގާމުތަކުގައި ތިބޭ މީހުން ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މަދަނީ މައްސަލައެއްގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވަން ހައި ކޯޓަށް ވަޑައިގެންނެވި މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވި އެވެ. ފަހުން އޭނާ އެ މައްސަލައިން ވަކިވެ ވަޑައިގަތެވެ.