ރަސްމީ ޑޮލަރު ރިޒާވުގެ ހާލަތު ރަނގަޅުކުރަން ގްރީން ބޮންޑެއް ވިއްކައި، ސާކް ފްރޭމްވާކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކީ 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް ފެސިލިޓީއެއް ގާއިމުކުރުމަށް ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.
އެމްއެމްއޭއިން މި ބަޔާން ނެރުނީ ބައިނަލްއަގުވާމީ ރޭޓިން އެޖެންސީ، ފިޗް ރޭޓިންއިން ދަރަނި ދެއްކުމުގައި އިތުރު ގޮންޖެހުންތައް ހުރި ކަމަށް ބަލައި، ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އިން "ސީސީ" އަށް ދަށްކުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެމްއެމްއޭއިން މިއަދު ނެރުނު ދިގު ބަޔާނުގައި ރިޒާވު މި ހާލަތަށް ދިޔުމުގެ ކަންކަން ކުރީ ސަރުކާރާ މަތިކޮށް ބުނީ އެ ހާލަތުން އަރައިގަތުމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. އެގޮތުން ރީފައިނޭންސް ގްރީން ބޮންޑު އިޝޫކުރުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ކުރަމުން އަންނަ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. ހަމައެހެންމެ ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ ޚަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށާއި، މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
އެމްއެމްއޭ އިން ބުނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ރާވައިފައިވާ ކަންކަމާއި އިސްތިރާޖީ ގޮތުން ގެނެވޭ ހަރުދަނާ ބަދަލުތަކަށް ރިއާޔަތްކުރުމަކީ މުހިއްމުކަމެއް ކަމަށެވެ. މިގޮތުން، ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން މައިގަނޑު އިގްތިސާދީ ސިނާއަތްތައް ކުރިއަރަމުންދާތީ ރާއްޖޭގެ އިގްތިސާދު ދާނީ ކުރިއަށް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
އެ ބަޔާނުގައި މިމަހުގެ 27ގެ ނިޔަލަށް ޓޫރިސްޓުން ޒިޔާރަތްކުރި އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު 11 ޕަސެންޓުން އިތުރުވެފައިކަން އެމްއެމްއޭއިން ފާހަގަކުރެ އެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ބެޑް ނައިޓްސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަތް ޕަސެންޓުން އިތުރުވެފައިވާ ކަމަށް ވެސް މަރުކަޒީ ބޭންކުން ބުނެ އެވެ. މިފަދަ ސަބަބުތަކާ އެކު މިއަހަރުގެ ގައުމީ އުފެއްދުންތެރިކަން 4.9 ޕަސެންޓް ކުރިއަރާނެ ކަމަށް އެމްއެމްއޭއިން ލަފާކުރެ އެވެ. އަދި 2025 ވަނަ އަހަރު ގައުމީ އުފެއްދުންތެރިކަން ހުންނާނެ ކަމަށް ލަފާކުރެވެނީ 6.5 ޕަސެންޓްގައި ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
"މީގެ މައިގަނޑު އެއް ސަބަބަކީ މިއަހަރު ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުވެ، މި ސިނާއަތް ކުރިއަރާނެ ކަމަށް ލަފާކުރެވޭތީ. އެހެންކަމުން ބެލެންސް އޮފް ޕޭމަންޓް ކަރަންޓް އެކައުންޓް ޑެފިސިޓް 2023 ގައި %21.4 ގައި ހުރުމަށް ފަހު 2024 ވަނަ އަހަރު މިއަދަދު ހުންނާނެ ކަމަށް ލަފާކުރެވެނީ %19.9 ގައި ކަމަށް،" އެމްއެމްއޭއިން ބުންޏެވެ.
މަރުކަޒީ ބޭންކުން ބުނިގޮތުގައި ރަސްމީ ރިޒާވުގައި ފުރަތަމަ ހަތް މަސް ދުވަހުގެ ނިޔަލަށް ހުރީ 395 މިލިއަން ޑޮލަރެވެ. އަދި ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުން ކުރެވޭ ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައި ކަމަށް ވެސް އެމްއެމްއޭ އިން ބުނެ އެވެ.
އެމްއެމްއޭ އިން ބުނިގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތު ތެރޭގައި ރިޒާވް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 100 މިލިޔަން ޑޮލަރުގެ ސްވޮޕް ހިމަނައިގެން ޖުމުލަ ރިޒާވް ހުރީ 594 މިލިއަން ޑޮލަރައް ވަނީ އަރާފަ އެވެ. މިއާއެކު ބޭނުންކުރެވޭ ރިޒާވް 129 ޑޮލަރަށް އިތުރުވެފައިވާއިރު، މި އަދަދުގެ ތެރޭގައި ނިމިދިޔަ ސަރުކާރުން އެސްޑީއެފްއަށް ޖަމާކުރަމުންދިޔަ ޑޮލަރު މާރުކުރުމަށްފަހު ރިޒާވަށް ބޭނުންކުރުމަށް ދީފައިވާ ފައިސާ ހިމެނެ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
އާ ސަރުކާރުން ހަވާލުވިއިރު އެސްޑީއެފްގެ ޔޫއެސް ޑޮލަރު ކަސްޓޯޑިއަން މާރުކުރުމުގެ ސަބަބުން ހުރީ އެންމެ 5 މިލިއަން ޑޮލަރު ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ. ނަމަވެސް މި އަދަދު މިހާރު 65 މިލިއަން ޑޮލަރަށް މާރު ނުކޮށް ބެހެއްޓުމުން އިތުރުވެފައިވާކަން އެމްއެމްއޭއިން ބުނެ އެވެ. އަދި، ބޭނުންކުރެވޭ ރިޒާވުގެ އަދަދު ހިމަނައިގެން، މިއަހަރު ފުރަތަމަ 7 މަސް ނިމުނު އިރު 105 މިލިއަން ޑޮލަރު ހުރިކަމުގައި އެމްއެމްއޭއިން ބުނެ އެވެ.
މަރުކަޒީ ބޭންކުން ބުނިގޮތުގައި ސަރުކާރުން ލަފާކުރަނީ އެސްޑީއެފް އަދި ބޭނުންކުރެވޭ ރިޒާވް ހިމެނޭހެން މިއަހަރުގެ ނިޔަލަށް 606 މިލިއަން ޑޮލަރަށް ވުރެ އިތުރުވެގެންދާނެ އެވެ. އަދި ރާއްޖޭގައި ހަރަކާތްތެރިވާ ވިޔަފާރި ބޭންކްތަކަށް ދިމާވެފައިވާ ބޭރު ފައިސާގެ ލިކުއިޑިޓީގެ ގޮންޖެހުންތަކަށް ލުއެއް ހޯދައި ދިނުމުގެ ގޮތުން އެމްއެމްއޭގެ މަނިޓަރީ ޕޮލިސީ އިންސްޓްރުމެންޓްތަކަށް ބަދަލުތަކެއް ގެނައުމަށް އެމްއެމްއޭގެ ބޯޑުން ވަނީ ނިންމާފައި ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.
ސަރުކާރުގެ މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީ އާ އެއްގޮތްވާގޮތުގެ މަތިން ޚަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް މަރުކަޒީ ބޭންކުން އަންދާޒާ ކުރެއެވެ. އަދި މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި މާލީ ވުޒާރާ އާއި ސަރުކާރުގެ އެހެން ވުޒާރާތަކާއި އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.