އިންޑިއާގެ ގުޖްރާތަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އައިޝާ އާރިފް ހާންގެ މަރާއެކު މުޅި އިންޑިއާއަށް ވަނީ ސިހުމެއް ގެނެސްފަ އެވެ. މި ސިހުން އިތުރުވެގެން ދިިޔައީ އަމިއްލައަށް މަރުވުމުުގެ ކުރިން ފޯނުން ރިކޯޑުކޮށް އޭނާގެ މައިންބަފައިންނަށް ފޮނުވި ވީޑިއޯ މެސެޖެއް އާންމުވުމުންނެވެ.
އަހްމަދުބާދުގައި އޮންނަ ސުބްރަމާތީ ކޯރަށް ފުންމާލުމުގެ ކުރިން ރިކޯޑުކުރި މި ވީޑިއޯގައި އައިޝާ ބުނެފައި ވަނީ މިއީ އެއްވެސް މީހަކު މަޖުބޫރުކޮށްގެން ކުރާ ކަމެއް ނޫން ކަމަށާއި މަރުވުމަށް ފަހު ހެއްދެވި ފަރާތާއި ބައްދަލުވާތީ އުފާވާ ކަމަށެވެ.
އޭނާގެ އާއިލާއަށް މި ވީޑިއޯ ލިބުމާއެކު ފުލުހުންނަށް އެކަން އެންގި އެވެ. ފަޔާ ބްރިގޭޑާއި ރެސްކިޔު ޓީމްތައް ދިޔަ އިރު އޭނާ ކޯރަށް ފުންމާލައިފި އެވެ. އަދި އޭނާގެ ހަށިގަނޑު ކޯރުތެރެއިން ނެގި އިރު ވެސް އޮތީ މަރުވެފަ އެވެ.
މަރުވުމުގެ ކުރިން އައިޝާ ކުރި މި ވީޑިއޯގައި ހިންދީ ބަހުން އޭނާ ބުނީ "އައްސަލާމު އަލައިކުމް، އަހަރެންގެ ނަމަކީ އައިޝާ އާރިފް ހާން. މިހާރު އަހަރެން މި ކުރަން އުޅޭ ކަމަކީ އެއްވެސް މީހަކު މަޖުބޫރުކުރުވައިގެން ކުރާކަމެއް ނޫން. މިއީ އަހަރެން އަމިއްލަ އަށް ކުރާކަމެއް. ކީކޭ ބުނާނީ ވެސް؟ އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި އަހަންނަށް ދެއްވާފައި އޮތް ދިރިއުޅުމުގެ މުއްދަތު މިހާރު މިހަމަވީ ކަމަށް. މި ކުރު ދިރިއުޅުމާއި މެދު ހިތްހަމަ ޖެހޭ. ބައްޕާ.. ކިހާ ދުވަހެއް ވަންދެން މަސައްކަތް ކުރާނަން؟ ދެން ކޭސް އަނބުރާ ނަގާ،" ކަމަށެވެ.
"އިތުރަށް އެކަން ކުރުމުގެ ބޭނުމެއް ނެތް. އައިޝާ އަކީ ހަނގުރާމަ ކުރާނެ މީހެއް ނޫން. އަހަރެން އާރިފް ދެކެ ލޯބިވޭ. އެހެންވީމަ އޭނަ އަށް އުނދަގޫ ކުރަންވީ ކީއްވެ؟ އޭނާ މިނިވަންކަން ބޭނުމިއްޔާ އޭނާއަށް މިނިވަންކަން ލިބެން ޖެހޭނެ. ކޮންމެއަކަސް އަހަރެންގެ ދިރިއުޅުން މި ހާހިސާބުން މި ނިމުނީ. ހެއްދެވި ފަރާތާ ބައްދަލުވާތީ އުފާވޭ. އަހަރެން ހެއްދެވި ފަރާތާއި ސުވާލުކުރާނަން އަހަންނަށް ގޯސް ހެދުނީ ކިހާ ހިސާބަކުން ތޯ؟ އަހަރެންގެ ކުށަކީ ކޮބައިތޯ؟ އަހަރެންގެ މައިންބަފައިން ވަރަށް ރަނގަޅު. އަހަރެންގެ ރައްޓެހިންވެސް ވަރަށް ރަނގަޅު. އެހެން ނަމަވެސް އަބަދުވެސް ކޮންމެވެސް ކަމެއް އުނިވާކަމުގެ އިހުސާސު ވޭ. ފަހަރުގައި އެއީ އަހަރެންގެ ނަސީބުކަމުގައި ވެދާނެ. އަހަރެން މިހިރީ އުފަލުން. އަހަރެން ބޭނުންވަނީ ހަމަޖެހިގެން ނިމިދާން. އަހަރެން މާތްﷲއަށް ދުޢާ ކުރަނީ ދުވަހަކުވެސް އަހަންނަށް ދެން އިންސާނުންގެ މޫނު ނުދެއްކެވުމަށް އެދި،" އައިޝާ އިތުރަށް ބުންޏެވެ.
ރޮވޭ ހާލު އައިޝާ އިތުރަށް ވާހަކަ ދެއްކި އެވެ. "މި ދިރިއުޅުމުން އަހަންނަށް ދަސްވި އެއް ކަމެއް އެބައޮތް. އެއީ ލޯބިވަންޏާ ދެ ފަރާތުން ވެސް ލޯބިވާން ވާނެ. އެއް އަތް ތެޅިއަސް އަޑެއް ނުކިޔާނެ. އެކަކު ލޯބިވެގެން ކުރާނެ އެއްކަމެއް ވެސް ނޯންނާނެ. ބައެއް ލޯބީގެ ވާހަކަތައް ކައިވެންޏަށް ފަހުގައި ވެސް ފުރިހަމަ ނުވެ ހުރޭ."
އެންމެ ފަހުން ސުބަރްމަތީ ކޯރު ދައްކާލުމަށް ފަހު އައިޝާ ބުނީ "މި ކޯރުގެ ކިބައިން އަހަރެން އެދެނީ އަހަރެން ނަގައިގަތުމަށް. އަހަރެން މަރުވުމަށް ފަހު މާ ބޮޑު މައްސަލަގަނޑަކަށް ނަހަދާތި. މިއަދު އަހަރެންގެ ހުރިހާ ސުވާލުތަކުގެ ޖަވާބު ލިބުމުން މިހިރީ އުފާވެފަ. އަދި ހަގީގަތް ފޯރުކޮށްދެވުނީތީ ވެސް އުފާވޭ. އެވަރުން ފުދޭ. ޝުކުރިއްޔާ! އަހަންނަށްޓަކާ ދުއާ ކުރާތި. ނޭނގޭ އަހަންނަށް ސުވަރުގެ ލިބޭނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް. އެހެން ވިޔަސް މިވަގުތަށް "އަލްވަދާއު،" ކަމަށެވެ.
އައިޝާ މަރުވުމުގެ ކުރިން އޭނާގެ މައިންބަައިންނަށް ކުރި ފޯނު ކޯލެއްގެ ރިކޯޑިން ވެސް ވަނީ އާންމުވެފަ އެވެ. އޭގައި ތަކުރާރުކޮށް އައިޝާ ބުނަމުން ދިޔައީ އޭނާ ވަރުބަލިވެއްޖެ ކަމަށާއި ދެން އިތުރަށް ދިރިއުޅެން ބޭނުން ނުވާާ ކަމަށެވެ.
އައިޝާގެ މަރާއެކު ފެށުނު ތަހުގީގުގައި އިންޑިއާގެ ފުލުހުން ވަނީ އޭނާ މަރުވުމުގެ ކުރިން ފިރިމީހާ އާރިފާއި ދެމެދު ކުރެވުނު 70 މިނެޓުގެ ފޯނު ކޯލެއްގެ ރިކޯޑިން ހޯދާފަ އެވެ.
އެ ކޯލް ރިކޯޑިންގައި "އައިޝާ ގޮސް އަމިއްލަ އަށް މަރުވާށޭ، އަދި މަރުވުމުގެ ކުރިން ވީޑިއޯ ކޮށްފައި ފޮނުވާށޭ،" އާރިފް ބުނެ އެވެ.
މި މައްސަލައާއި ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނެވެ. އެހެން ނަމަވަސް މިހާރު ވަނީ ކަފާލާތުގެ ދަށުން މިނިވަން ވެފަ އެވެ.
އާއިލާއިން ތުހުމަތު ކުރަނީ އާރިފް ސިއްރު ލޯބިވެރިން ގެންގުޅުނު ކަމަށް
އައިޝާގެ އާއިލާއިން ބުނި ގޮތުގައި ކައިވެނީގެ ބޭރުން އާރިފް ދިޔައީ ސިއްރު ލޯބިވެރިޔަކު ގެންގުޅެމުންނެވެ. ފުލުހުން ދަނީ މިކަން ކަށަވަރުކުރުމަށް މަސައްކަތް ކުރަމުންނެވެ.
އައިޝާގެ އާއިލާއިން ބުނާގޮތުން އާރިފް ދިޔައީ "ޑައުރީ" ނުވަތަ ކައިވެނީގެ ކުރިން އަންހެން ކުއްޖާގެ އާއިލާއިން ފިރިހެން ކުއްޖާއަށް ދޭ ފައިސާގެ ދަހިވެތިކަމުގައި އައިޝާއަށް އަނިޔާ ކުރަމުންނެވެ.
މީގެ އިތުރުން އައިޝާގެ ވަކީލު ޒައްފަރް ޕަޓާން ހާމަކޮށްފައިވާ ގޮތުގައި އާރިފް ވަނީ އައިޝާގެ ކުރިމަތީގައި ވެސް އެހެން އަންހެން ކުދިންނަށް ވީޑިއޯ ކޯލް ކޮށް ބަދުއަހުލާގީ ވާހަކަ ދެއްކުން ފަދަ ދަށު ދަރަޖައިގެ އަމަލުތައް ކޮށްފަ އެވެ. މީގެ އިތުރުން ފައިސާ ބޭނުންވެއްޖެ ނަމަ އައިޝާއަށް އަނިޔާކޮށް އޭނާގެ މައިންބަފައިން އަތުން ގަދަބާރުންވެސް ފައިސާ ނެގި ކަމަށް ވަކީލު ވަނީ ބުނެފަ އެވެ.
މީގެ ކުރިން އައިޝާ ވަނީ އާރިފާ ދެކޮޅަށް ޑައުރީ ހެރޭސްމެންޓް ކޭސްއެއް ހުށައަޅާފައި
މިދިޔަ އަހަރުގެ ކުރީ ކޮޅު އައިޝާ ވަނީ ޑައުރީ ނުދީގެން އަނިޔާކުރާކަމަށް ބުނެ އާރިފާއި އޭނާގެ އާއިލާއާ ދެކޮޅަށް އަހްމަދުބާދުގައި ހުންނަ ވަޓްވާ ޕޮލިސް ސްޓޭޝަނަށް މައްސަލަ ހުށައަޅާފަ އެވެ.
އައިޝާގެ ބައްޕަ ލަޔާގަތް އަލީ ބުނިގޮތުގައި އާރިފާއި އައިޝާގެ ކައިވެނި ކުރީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.
"ކައިވެނީގެ ފަހުން އާރިފްގެ އާއިލާއިން ދިޔައީ ޑައުރީ ފައިސާ ދޭން އައިޝާ ކައިރިން އެދެމުން. އަހަރެން އެ މީހުންނަށް ފައިސާ ދިނިން. އެހެން ނަމަވެސް އެމީހުންގެ ދަހިވެތިކަންވީ އިތުރު. މީގެ ދެތިން މަސްކުރިން ޖެހުނު މައްސަލައަކާ ގުޅިގެން އާރިފް ވަނީ އައިޝާ އެނބުރި އަހަރެމެންގެ ގެއަށް ފޮނުވާލާފައި. އަދި ފޯނުން ވާހަކަ ދެއްކުންވެސް ހުއްޓާލި. އެ ހިތްދަތިކަމަށް ކެތް ނުވެގެން އައިޝާ އަމިއްލަ އަށް މަރުވީ،" އިންޑިއާ ޓުޑޭ އަށް ދިން އިންޓަވިއުއެއްގައި އައިޝާގެ ބައްޕަ ބުންޏެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އާރިފާއި އޭނާގެ އާއިލާ ހައްޔަރުކޮށްފަ އެވެ. އެހެން ނަމަވެސް އެ އާއިލާ ވަނީ ކަފާލާތުގެ ދަށުން މިނިވަން ވެފަ އެވެ.
ފުލުހުންނަށް ލިބިފައިވާ 70 މިނެޓުގެ ކޯލް ރިކޯޑިންގައި އާރިފް ވަނީ ޑައުރީ ކޭސްއާއި ގުޅޭ ގޮތުންވެސް ވާހަކަ ދައްކާފަ އެވެ. އަދި އެ ކޭސް އަނބުރާ ނެގުމަށް އޭނާ ވަނީ އައިޝާ އަށް އަމުރުކޮށްފަ އެވެ.
އިންޑިއާގެ ފުލުހުން ދަނީ މިކަމާ ގުޅޭގޮތުން އައިޝާ އާއި އާރިފްގެ ފޯނުން އިތުރު ހެކި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.