ނިމިގެންދިޔަ އޮލިމްޕިކްސް ގޭމްސްގެ ޓޭބަލް ޓެނިސް ޑަބަލްސް އިވެންޓުގެ ފައިނަލްގައި ވާދަކުރި އުތުރު ކޮރެއާގެ ދެ އެތުލީޓުން މެޗުގެ ތެރެއިން ހިނިތުންވުމުން އެ ދެ ކުޅުންތެރިންނަށް އަދަބު ލިބޭނެ ކަމުގެ ބިރު ހީވެއްޖެ އެވެ.
ހަބަރުތައް ބުނާ ގޮތުގައި އެ މެޗުގައި ވާދަކުރި އަނެއް ޓީމުގެ ކުޅުންތެރިންނާއެކު ހިނިތުންވެ ސެލްފީ ނެގުމުން އެ ދެ ކުޅުންތެރިންނަށް އެ ގައުމުގެ އިދާރާތަކުން ފިޔަވަޅު އަޅާނެ ކަމަށް ބެލެވެ އެވެ.
އެ އިވެންޓުގެ ފައިނަލްގައި ވާދަކޮށް އުތުރު ކޮރެއާއަށް ލިބުނީ ސިލްވާ މެޑަލް އެވެ. ރަން މެޑަލް ލިބުނީ އަނެއްކޮޅުން ވާދަކުރި ޗައިނާ ޓީމަށެވެ.
މެޗުން ފެނިގެންދިޔަ ހަތަރު ކުޅުންތެރިން އެކުގައި ނެގި ފޮޓޯ އިންޓަނެޓުގައި ލަހެއް ނުވެ ވައިރަލްވި ނަމަވެސް އުތުރު ކޮރެއާގެ އިދާރާތަކަށް އެކަން ރަނގަޅު ކަމަކަށް ނުވި އެވެ.
ހިނިތުންވުމުގެ ސަބަބުން އަދަބެއް ކުރިމަތިވެދާނެ ކަމަށް އަޑު ފެތުރުމާއެކު ގިނަ ބަޔަކު އަންނަނީ އެއީ ކުށެއް ނޫން ކަމަށް ބުނެ އެ ކުޅުންތެރިންގެ ދިފާއުގައި ވާހަކަ ދައްކަމުންނެވެ.
އުތުރު ކޮރެއާއަކީ ޒަމާނުއްސުރެ އެކަހެރި އެހެން ގައުމުތަކާ ބީރައްޓެހި ގައުމެއްގެ ގޮތުގައި ބެލެވިފައި އޮތްއިރު އެ ގައުމުގެ ރައްޔިތުންނަށް އާއްމު މިނިވަންކަން އޮންނަނީ ވަރަށް ބޮޑަށް ހިފެހެއްޓިފަ އެވެ.