އިނގިރޭސިވިލާތުގެ ކަނޑުގެ ސަރަހައްދުގައި "އުދުހޭ" މަނަވަރުތަކެއްގެ ފޮޓޯއަށް މިވަނީ ގިނަބައެއްގެ ސަމާލުކަން ލިބިފަ އެވެ.

މި ފޮޓޯ ނަގާފައި ވަނީ ކޯންވޯލް ކައިރިން ހިނގާފައި ދަމުން ޑޭވިޑް މޮރިސް ނަމަކަށް ކިޔާ މީހެކެވެ.

ބީބީސީގެ މީޓިއޮރޮޖިސްޓް ޑޭވިޑް ބްރެއިން ވިދާޅުވިގޮތުގައި މިގޮތަށް މަނަވަރުތައް ފެނުން މަތީގައި ހުރި ކަމަށް ފެންނަ "ސުޕީރިއާ މިރާޖް" ފެންނަނީ ޖައްވުގައި ހުންނަ ހާއްސަ ހާލަތެއްގެ ސަބަބުން އަލި ލެނބިގެންނެވެ

އޭނާ އިތުރަށް ވިދާޅުވިގޮތުގައި މިއީ އާޓިކްގެ ކަނޑުގެ ހިސާބުގައި ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. އެހެން ނަމަވެސް އިނގިރޭސިވިލާތުގައި އަދި ހާއްސަކޮށް ފިނި މޫސުމުގައި މިއީ ވަރަށް މަދުން ނޫނީ ނުފެންނަ ކަމެއް ކަމަށް ވެސް ޑޭވިޑް ވިދާޅުވި އެވެ.

މި ފޮޓޯތައް ނެގި މޮރިސް ހުރީ އެ މަންޒަރު ފެނި އާޝޯހުވެފަ އެވެ.

ބްރެއިން ވިދާޅުވީ މި ސުޕީރިއާ މިރާޖް ފެންނަނީ ޓެމްޕަރޭޗާ އިންވާޝަން ނަމަކަށް ކިޔާ މޫސުމީ ހާލަތަކާ ގުޅިގެން ފިނި ވައި ކަނޑާ ކައިރީގައި ހުރެފައި އޭގެ މަތީގައި ހޫނު ވައި ހުރުމުންނެވެ.

"ހޫނު ވަޔަށް ވުރެ ފިނި ވައި ބަރުވާނެ. އެހެންކަމުން އެއްގަމުގައި ހުންނަ މީހާއަށް އެ މަންޒަރު ފެންނަ އިރު އަލި ހުންނާނީ ބެންޑްވެފައި. މި ހާލަތުގައި އެ މީހާއަށް ދުރުގައިވާ މަންޒަރުތައް ފެންނާނީ އަސްލުގައި މަންޒަރު ހުންނަ ގޮތަކަށް ނޫން،" ބްރެއިން ވިދާޅުވި އެވެ.