އިޒްރޭލުން ފަލަސްތީނުގައި ހިންގާ ގަތުލްއާންމާ ދެކޮޅަށް އަޑު އުފުލަމުންދިޔަ އާއިޝަތު ޝާދިޔާ އާއި ޝަޒްރާ އިބްރާހިމް ޖަލުގައި ބޭތިއްބުމަކީ ހުތުރުކަންބޮޑު އަނިޔާވެރި އަމަލެއްކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އޮގަސްޓް 28 ގައި އެ ދެމީހުން ހައްޔަރުކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް ޑިޕްލޮމެޓިކް މިޝަންތަކުގެ ކައިރިއަށް ތަކުރާރުކޮށް އެއްވުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ފަދަ އަމަލުތަކެއް ހިންގުމުގެ ތުހުމަތުގަ އެވެ. ތިން ދުވަހަށް ބަންދުކުރުމަށްފަހު އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓުން ވަނީ ދެ މީހުން އިތުރު ފަސްދުވަހަށް މުއްދަތު ޖަހާފަ އެވެ.
މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވާ އިމްރާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޝާދިޔާ އާއި ޝަޒްރާ ދިވެހި ޖަލުގައި ބެއިތިއްބުމަކީ ފަލަސްތީން އަންހެނުން އިޒްރޭލް ޖަލަށްލާ އަނިޔާކުރުމަށް ދިވެހި ސަރުކާރުން ހުއްދަ ދިނުން ފަދަ ހުތުރުކަން ބޮޑު އަނިޔާވެރި އަމަލެއް ކަމަށެވެ.
ޝަޒްރާ އާއި ޝާދިޔާ އަކީ އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ދެކޮޅަށް ސިލްސިލާކޮށް އަޑުއުފުލަމުން ގެންދާ ދެ މީހުނެވެ. ފާއިތުވި ދުވަސްތަކުގައި އެކި ފަހަރުމަތިން އެ ދެމީހުން ވަނީ ސައުދީ ސަފީރު ހުޅުމާލެގައި ދިރިއުޅުއްވާ ގެކޮޅުކައިރިއަށް އެއްވެ އަޑުއުފުލާފަ އެވެ.