އަލަތު ދަރިފުޅަށް ބަލިވެއިން ދީޕިކާ ޕަޑުކޯން އަންނަނީ އޭނާގެ މާބަނޑު ދުވަސްވަރުގެ ތަޖުރިބާ ސޯޝަލް މީޑިއާ މެދުވެރިކޮށް އާއްމުންނާ ހިއްސާ ކުރަމުންނެވެ.

އެގޮތުން އެންމެ ފަހުން ދީޕިކާ މިވަނީ އޭނާގެ މެޓާނިޓީ ފޮޓޯޝޫޓްގެ އުސްއަލިތައް އިންސްޓަގްރާމް މެދުވެރިކޮށް އާއްމުންނަށް ދައްކާލާފަ އެވެ.

ދީޕިކާ ޕޯސްޓުކުރި ކަޅާއި ހުދުގެ އެސްތެޓިކް ފޮޓޯތަކުގައި އޭނާއާއި އޭނާގެ ފިރިމީހާ ރަންވީރު ސިންހް އެކުގައި ފެނިގެންދެ އެވެ. ފޮޓޯޝޫޓަށް ދީޕިކާ ބޭނުން ކޮށްފައިވަނީ ކަޅު ކުލައިގެ ހެދުމެކެވެ.

އާއްމުންނާއި ފިލްމީ ދާއިރާގެ ފަންނާނުން ވެސް އަންނަނީ ދީޕިކާގެ އެ ފޮޓޯތަކަށް ތައުރީފު ކުރަމުންނެވެ. އެގޮތުން ކެޓްރީނާ ކައިފް، ޕްރިޔަންކާ ޗޯޕްރާ ފަދަ ތަރިން ވަނީ އެ ޕޯސްޓަށް ކޮމެންޓް ކޮށްފަ އެވެ.

ދީޕިކާ އަލަތު ދަރިފުޅަށް ބަލިވެ އިންކަން އިއުލާންކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ހަބަރުތައް ބުނާ ގޮތުގައި އޭނާގެ "ޑިއު ޑޭޓް"އަކީ މި މަހުގެ 28 ވަނަ ދުވަހެވެ.

ވިހެއުމަށްޓަކައި ރަންވީރުއާއި ދީޕިކާ މިމަހުގެ ތެރޭގައި އިނގިރޭސި ވިލާތުގެ ލަންޑަނަށް ފުރާނެ ކަމަށް ވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.