ބޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ ރަންވީރު ސިންހުއާއި ދީޕިކާ ޕަދުކޯނަށް ލިބެނީ އެއްމާބަނޑު ދެކުދިން ކަމަށް އަޑު އަރަން ފަށައިފި އެވެ.
މި އަޑުތައް އަރާފައިވަނީ މިފަހުން ދީޕިކާ އޭނާގެ މެޓާނިޓީ ޝޫޓްގެ ބައެއް ފޮޓޯތައް އިންސްޓަގްރާމްގައި ހިއްސާ ކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. އެ ފޮޓޯތަކުން ދީޕިކާގެ ބަނޑު ފެންނަ ގޮތަށް ބަލާއިރު އޭނާ ބަލިވެ އިނީ އެއްމާބަނޑު ދެ ކުދިންނަށް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އެހެން ނަމަވެސް މި އަޑުތައް އެއްވެސް ފަރާތަކުން ޔަގީން ކޮށްދީފައި ނުވާއިރު މި ހަބަރަކީ ހަމައެކަނި ދީޕިކާގެ ފޮޓޯތަކުން އާއްމުންނަށް ހީވާ ހީވުމެކެވެ.
މިދިޔަ ފެބްރުއަރީ މަހު އަލަތު ދަރިފުޅަށް ބަލިވެ އިންކަން އިއުލާންކުރި ދީޕިކާއަށް ދުވަސް ފުރޭނީ މިމަހުގެ ފަހުކޮޅު އެވެ. ހަބަރުތައް ބުނާ ގޮތުގައި އޭނާ ވިހަން ދަނީ ލަންޑަނަށެވެ.
ދެހާ އަށާރަ ވަނަ އަހަރު ކައިވެނިކުރި ރަންވީރާއި ދީޕިކާއަކީ އާއްމުންގެ ލޯބި ލިބިފައިވާ ބޮލީވުޑްގެ މަގުބޫލު ޖޯޑެކެވެ. އެމީހުންގެ ލޯބީގެ ވާހަކައަކީ މަޝްހޫރު ވާހަކަ އެކެވެ.