މަޝްހޫރު ޓައިމްސް މެގަޒިންގެ އެންމެ ފަހުގެ އަދަދުގެ ބޭރުގަނޑުގައި ދުނިޔޭގެ މަޝްހޫރު ޝަހްސިއްޔަތުންތަކަކާއެކު ބޮލީވުޑްގެ ތަރި އަނިލް ކަޕޫރު ހިމެނިއްޖެ އެވެ.
އަނިލް ކަޕޫރު އެ ބޭރުގަނޑުގައި ހިމެނިފައިވަނީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާއިން ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 މީހުންގެ ތެރޭގައި ހިމެނިގެންނެވެ. އޭނާއަކީ އެ ލިސްޓުގައި ހިމެނުނު އިންޑިއާގެ ހަމައެކަނި ރައްޔިތެވެ.
އޭއައިގެ ރޮނގުން އެންމެ ނުފޫޒުގަދަ މީހުންގެ ތެރޭގައި އަނިލް ހިމެނެން މެދުވެރިވީ މިދިޔަ އަހަރު އޭނާގެ ޝަހްސިއްޔަތާ ގުޅުވައިގެން އިންޑިއާގެ ކޯޓުން ނެރުނު ހުކުމެވެ.
އެ ހުކުމުގައި ހުއްދަ ނެތި އަނިލްގެ ނަމާއި ފޮޓޯ އަދި އޭނާއާ ގުޅުންހުރި އެއްވެސް އެއްޗެއް ބޭނުން ކުރުމަކީ މަނާ ކަމެއް ކަމުގައި އަންގާފައިވެ އެވެ.
މި އަމުރަކީ އަނިލްގެ ޝަހްސިއްޔަތު ނާޖާއިޒު ގޮތެއްގައި ބައެއް ވެބްސައިޓުތަކުންނާއި އެނޫންވެސް ޓެކްނޮލޮޖީގެ ވަސީލަތްތަކުން ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ އަނިލް ހުށައެޅި މައްސަލައެއް ބެލުމަށްފަހު ނިންމި ނިންމުމެކެވެ.
މި އަމުރާއެކު އަނިލް ވެފައިވަނީ އާޓިފިޝަލް އިންޓެލިޖެންސްއާއި ޓެކްނޮލޮޖީގެ ދާއިރާއިން މުޅި ދުނިޔޭގައި ވެސް ނުފޫޒުގަދަ ނަމަކަށެވެ.
އަނިލްއާއެކު ޓައިމްސް މެގަޒިންގެ އެ ލިސްޓުގައި ވިޔަފާރިވެރިންނާއި ސައިންސްވެރިންގެ އިތުރުން ބައެއް އެކްޓަރުން ވެސް ހިމެނިފައިވެ އެވެ.