އިނގިރޭސި ވިލާތުގެ ޝާހީ އާއިލާގެ މުސްތަގުބަލުގައި ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލްގެ ހިއްސާއެއް ނުފެންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.

މި ރިޕޯޓުތަކަކީ ޝާހީ އާއިލާގެ އިސް މެމްބަރެއް ކަމަށްވާ ޕްރިންސް ހެރީގެ ބޭބެ، ޕްރިންސް ވިލިއަމްއާ ގުޅުންހުރި ފަރާތަކުން މީޑިއާއަށް ދީފައިވާ ރިޕޯޓެކެވެ.

ޝާހީ އާއިލާގެ ކުރިމަގުގައި ވެސް ޕްރިންސް ހެރީއާއި މޭގަންގެ ހިއްސާއެއް އޮތް ކަމަށް ޕްރިންސް ވިލިއަމް ގަބޫލު ނުކުރައްވާ ކަމަށްވެ އެވެ.

ވިލިއަމްގެ މި ނިންމުމަކީ 2020 ވަނަ އަހަރު ޝާހީ ޒިންމާތައް ދޫކޮށްލުމަށްފަހު ޕްރިންސް ހެރީއާއި މޭގަން އެމެރިކާއަށް ދިރިއުޅުން ބަދަލުކުރި ފަހުން އެ ދެބެއިންގެ މެދުގައި އުފެދުނު މައްސަލަތަކާއެކު ނިންމި ނިންމުމެއް ކަމަށް ބުނެވެ އެވެ.

އެގޮތުން ވިލިއަމްއަކީ ރަސްކަމުގެ ތާޖު އެންމެ އަވަހަށް ލިބޭނެ ފަރާތަށްވާއިރު، ވިލިއަމްގެ ރަސްކަމެއްގައި ޝާހީ އާއިލާގެ އިސް ސަފުގައި ރަސްމީ ޒިންމާތަކާއެކު ޕްރިންސް ހެރީއާއި މޭގަން ފެނުމަކީ ނާދިރު ކަމެއް ކަމަށް އެ ރިޕޯޓުތައް ބުނެ އެވެ.

2020 ވަނަ އަހަރު ޝާހީ އާއިލާ ދޫކޮށް އެމެރިކާއަށް ދިރިއުޅުން ބަދަލު ކުރެއްވުމަށްފަހު ޕްރިންސް ހެރީއާއި މޭގަން އަންނަނީ އެމީހުންގެ އަމިއްލަ ޕްރޮޖެކްޓްތަކުގައި އުޅެމުންނެވެ.

ޕްރިންސް ހެރީގެ ދެކަނބަލުން ހިމެނޭހެން އިނގިރޭސި ޝާހީ އާއިލާ އެކުގައި އެންމެ ފަހުން ފެނިފައިވަނީ 2022 ވަނަ އަހަރު އޮތް ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާގަ އެވެ.